9 ބުރީގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުނު ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބައިލެޓަރަލް ސެކްރެޓަރީ ހާލާ ހަމީދުގެ ދިފާޢުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިސްނަންގަވައިފައެވެ.
ޔުމްނު ވެއްޓުނު ގެއަށް ދިޔައީ ހާލާގެ ދަރިފުޅު ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދަޢުވަތަކަށް ކަމަށް ޔުމްނުގެ އާއިލާއިން ބުނެފައިވާއިރު، މި މައްސަލައިގައި ޔައްސާރުގެ ފޯނާއި ޕާސްޕޯޓް ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް މިހާތަނަށް ހާލާ އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.
"އެކްސް" މެދުވެރިކޮށް ހާލާގެ ދިފާޢުގައި ނަޝީދު ވިދާޅުވީ، ތަޙްޤީޤު ހިނގަމުންދާއިރު ސާބިތު ނުހިފޭ ތުހުމަތުތަކެއް ކޮށް ހާލާގެ ނަން ބަޔަކު ކިލަނބުކުރަމުންދާ ކަމަށެވެ. "އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރުން ވަރަށް މުހިންމު. އެހެންނަމަވެސް ތަހުގީގު ހިނގަމުންދާއިރު މީހުންގެ އަބުރަށް އަރައިގަނެ ތުހުމަތުތައް ކުރުން ބަލައެއް ނުގަނެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެކި ސަރުކާރުތަކުގައި ހާލާ މަސައްކަތްކުރައްވާފައިވާކަން ފާހަގަކުރައްވައި، ނަޝީދު އިތުރަށް ވިދާޅުވީ ހާލާއަކީ އެމަނިކުފާނު ރަނގަޅަށް ދެނެވަޑައިގަންނަވާ، ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.
ޔުމްނުގެ އާއިލާއިން ބުނެފައިވާ ގޮތުގައި، ޔުމްނު ފުރާޅުން ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެނުނު ފެންޓެނޯގައި ޔުމްނުއާއެކު ރައުދުއާއި ޔައްސާރު އަދި އިތުރު ދެ މީހުން ހިމެނޭގޮތަށް ޖުމްލަ ހަތަރު މީހުން ތިބިކަމަށް ޔުމްނު ބުނި ކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ނުފޫޒު ފޯރުވާފައިވާކަމުގެ ތުހުމަތުތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.
ކޮމެންޓު ފޮނުވާ