އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިނގަމުންދާ ޝަރީޢަތުގައި، އޭނާ މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ނަގަމުން ގެންދިޔަކަމަށް އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް ހެކިބަސް ދީފިއެވެ.
މިދިޔަ ހަފުތާގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި އަގީލް ދިން ހެކިބަހުގައި، ކުރިން ބައްސާމް ނަގަމުން ގެންދިޔައީ މަހަކު 3000 ޑޮލަރުގެ އެލަވަންސެއް ކަމަށާއި، ނަމަވެސް ފަހުން އެ އަދަދު 5000 ޑޮލަރަށް އިތުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ. މި އެލަވަންސްއަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެން ނަގާ އެލަވަންސެއްކަމަށް ބައްސާމްގެ ދިފާޢީ ޓީމުން ބުނެފައިވެއެވެ.
ބައްސާމްގެ މައްޗަށް މިހާރު ހިނގަމުންދަނީ 10,000 ޑޮލަރުގެ ޚިޔާނާތުގެ މައްސަލައެކެވެ. އޭނާގެ މައިގަނޑު ދިފާޢަކީ އެ ފައިސާއަކީ އޭނާއަށް ލިބޭ މުސާރައެއްކަމަށެވެ. އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އަގީލްއާ ދެކޮޅަށްވެސް ދައުވާ އުފުލާފައިވެއެވެ.
2023 ވަނަ އަހަރު ބައްސާމް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، އޭނާއަށް ގާތްގަނޑަކަށް 50,000 ރުފިޔާގެ އެލަވަންސެއް ލިބެން އޮތްކަމަށާއި، ނަމަވެސް އޭރު ތިން އަހަރު ވެފައިވަނިކޮށްވެސް އެ އެލަވަންސް ނުލިބޭކަމަށް ވިދާޅުވެފައިވެއެވެ.
ޝަރީޢަތުގައި އަގީލްގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަންހެން އަދި ފިރިހެން މުވައްޒަފަކުވެސް ހެކިބަސް ދީފައިވެއެވެ.
ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް އޭނާ ތައްޔާރުވަމުންދާކަމަށް ބައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10,000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އަދި އޭގެތެރެއިން 1,910 ޑޮލަރު އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 10,000 ޑޮލަރާއި 1 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކޮމެންޓު ފޮނުވާ