މާލެ، 16 މެއި 2025 (ޚާއްސަ) – މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ (ބްރޯޑްކޮމް) މެންބަރުކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކުރައްވައިފިއެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން މިދިޔަ މާރިޗް 17 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ ހުސްވި ގޮނޑިއަށް މެންބަރަކު ހޯދުމަށް އޭޕްރީލް މަހު ރައީސް އޮފީހުން ހުޅުވާލި ފުރުޞަތުގައި ރިލްވާން ކުރިމަތިލެއްވިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުން ރިލްވާން ބްރޯޑްކޮމްގެ މެންބަރުކަމަށް ފާސްކުރައްވާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުއްވުމުން، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުއެވެ.
ރިލްވާން 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މީޑިޔާ އަދި މީޑިޔާ ހިންގުމުގެ ދާއިރާގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާ ރިލްވާން، އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން ހިންގި ފެންނާރު މަޝްރޫޢު، މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) ފަދަ މަޝްރޫޢުތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ