ރިޔާޟު، ސައުދީ އަރަބިއްޔާ – އެމެރިކާއިން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރިޔާޟުގައި އިއްޔެ ބޭއްވުނު އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ނިންމުން ނިންމީ ސައުދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަދި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާންއާއެކު މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށްފަހު، އެ ޤައުމުގައި އައު ސަރުކާރެއް ވަނީ އެކުލަވާލާފައެވެ. މި ސަރުކާރުގެ ލީޑަރަކީ އަސަދު ވެރިކަމުން ދުރުކުރުމުގައި އިސް ރޯލެއް އަދާކުރި އަހުމަދު އަލް ޝަރާއެވެ.
ޓްރަމްޕް ވިދާޅުވީ މިއީ ޒަމާންތަކަކަށްފަހު އެމެރިކާއާއި ސީރިއާއާ ދެމެދު ގުޅުން ޤާއިމުކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި، އުއްމީދަކީ ސީރިއާގައި މިހާރު ޤާއިމުކުރެވިފައިވާ އައު ސަރުކާރާއެކު އެ ޤައުމަށް ހަމަޖެހުން ލިބިގެންދިއުން ކަމަށެވެ.
ޓްރަމްޕްގެ މި ނިންމުމަށް ސީރިއާގެ ޚާރިޖީ ވަޒީރު އަސާދު އަލް ޝައިބާނީ ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިއީ ސީރިއާ އާރާސްތުކުރުމުގެ ފެށުން ކަމަށާއި، މިކަމުގައި އަރަބި ޤައުމުތަކުން، ވަކިން ޚާއްޞަކޮށް ސައުދީން އަދާކުރި ދައުރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، ސައުދީއަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ވަގުތެއްގައި ސީރިއާގެ އައު ލީޑަރު އަލް ޝަރާއާ ޓްރަމްޕް ބައްދަލުކުރައްވާނެއެވެ.
ޓެރަރިޒަމްގެ ތުހުމަތުތަކާއެކު 1979 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަނީ ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ކޮމެންޓު ފޮނުވާ