ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ތަޅުމުގައި ބަހުސްކުރުމަށް ގަޑިއިރެއްގެ ވަގުތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ތަޅުމުގައި ބަހުސްކުރުމަށް ގަޑިއިރެއްގެ ވަގުތު

ގުޅުންހުރި

މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލައިގައި ކޮންމެ ރިޕޯޓަކަށް އެއް ގަޑިއިރުގެ ވަގުތު ބަހުސްކުރުމަށް ފާސްކޮށްފައެވެ.

އަންގާރަ ދުވަހުގެ ރޭ 9:00 ގައި ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާއާއި ހަވާލާދީ، މި މައްސަލައިގައި ކޮންމެ ރިޕޯޓަކަށް އެއް ގަޑިއިރުގެ ފުރުސަތު ދިނުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވަނީ ތާއީދުކުރައްވާފައެވެ.

ނަމަވެސް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ މިއަދުގެ ޙަޤީޤަތަކީ ޕީއެންސީގެ މެޖޯރިޓީއެއް އޮތުން ކަމަށާއި، ޕީއެންސީން ބޭނުންވާ ގޮތަކަށް މަޖިލީހުގެ ފްލޯގައި މައްސަލަ ނިމިގެންދާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ދެ ގަޑިއިރު ދިނުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދެ ގަޑިއިރު ދިނަސް އާޚިރު ނަތީޖާއެއް ބަދަލެއް ނުވާނެ. އެހެންވީމަ އަޅުގަނޑަށް ނުފެނޭ ދެ ގަޑިއިރު އެއް ގަޑިއިރަށް ހެދުމުގެ މުހިންމުކަމެއް. ކޮންމެ ގޮތެއްވިޔަސް މިއަށް ބޮޑަށް ވަކާލާތުކުރާނީ ޕީއެންސީއަށްވުރެ ބޮޑަށް އެމްޑީޕީ. އެހެންވީމަ އަޅުގަނޑަށް ފެންނަނީ ދެ ގަޑިއިރު ދިނުމަކީ މައްސަލައެއް ނޫން ކަމުގައި," މެންބަރު އަމީން ވިދާޅުވިއެވެ.

މެންބަރު އަމީންގެ ވާހަކަފުޅާ ގުޅިގެން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ވިދާޅުވީ އޭނާ ހުށަހެޅުއްވި ގޮތުންވެސް ޖުމުލަ ދެ ގަޑިއިރު ލިބޭނެ ކަމަށެވެ. އެއީ ކޮންމެ ރިޕޯޓަކަށް އެއް ގަޑިއިރުގެ މަގުން ދެ ރިޕޯޓަށް ޖުމުލަ ދެ ގަޑިއިރު ލިބޭނެ ކަމަށް އެމެންބަރު ވަނީ އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ.

ދެފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ބަހުސްކުރުމަށް ވަގުތު ކަނޑައެޅުމާ ގުޅޭގޮތުން ނެގުނު ވޯޓުގައި 10 މެންބަރުން ހާޒިރުވި ކޮމިޓީގެ ތެރެއިން 8 މެންބަރުން ވަނީ ކޮންމެ ރިޕޯޓަކަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ ހަމައެކަނި މެންބަރު އަމީން ފައިސަލް އެވެ.

މިގޮތުން ދެ ރިޕޯޓަށް ޖުމުލަ ދެ ގަޑިއިރުގެ ވަގުތު ތަޅުމުގައި ބަހުސްކުރުމަށް ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ