މޫސާ ރިލްވާން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

މޫސާ ރިލްވާން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

Author
ހުސައިން
13 މެއި 2025 01:49
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިލްވާން އައްޔަނުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މޫސާ ރިލްވާނަށް މަޖިލީހުގެ 70 މެންބަރުން ވޯޓު ދިންއިރު، އެއްވެސް މެންބަރަކު ދެކޮޅަކަށް ވޯޓެއް ނުދެއެވެ.

ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަނުކުރުމަށް ދެ ފަހަރެއްގެ މަތިން އިޢުލާނުކުރެވުނެވެ. ފުރަތަމަ އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭޕްރީލް 23 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވާފައެވެ. އަދި އިއްޔެ ފޮނުއްވި ނަންތަކަކީ ދެވަނަ އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާ ތަރުތީބުން ފޮނުއްވި ހަ ބޭފުޅުންގެ ލިސްޓެކެވެ. މި އިޢުލާނު ކުރެވުނީ ކޮމިޝަނުގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު 2025 ޖޫން 14 ގައި ހަމަވާތީއެވެ.

ބްރޯޑްކޮމް މެންބަރުކަމަށް ރައީސް ފޮނުއްވި ނަންތައް ކޮމިޓީން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވީ ފަސް ނަމެކެވެ. މޫސާ ރިލްވާން އަކީ ކޮމިޓީން މާކްސް ދިން ތަރުތީބުން ހަތަރުވަނައަށް ހުރި ނަމެވެ. އޭނާއަށް 81 އިންސައްތަ މާކްސް ލިބިފައިވެއެވެ.

ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ޒީނާ ޒާހިރު (85 އިންސައްތަ) އައްޔަނުކުރުމަށް މަޖިލީހުން ފާސްނުވިއެވެ. އޭނާއަށް ލިބުނީ 12 ވޯޓު ކަމަށްވާއިރު، 52 މެންބަރުން ވޯޓުދިނީ ދެކޮޅަށެވެ. ހަމައެހެންމެ ރައީސް އެންމެ އިސްކަން ދެއްވި އާއިޝަތު ޝިޔާނާ (83 އިންސައްތަ) އަށް ލިބުނީ 11 ވޯޓެވެ. އޭނާ އައްޔަނުކުރުމަށް ދެކޮޅަށް 55 މެންބަރުން ވޯޓުދިނެވެ. އަދި 82 އިންސައްތަ މާކްސް ލިބުނު ޝިމްލާ އަޙްމަދު އައްޔަނުކުރުމަށް ތާއީދުކުރީ 14 މެންބަރުން އެކަނި ކަމަށްވާއިރު، 54 މެންބަރުން ވޯޓުދިނީ ދެކޮޅަށެވެ.

ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއިން ޑިގްރީ ހާސިލުކުރައްވާފައިވާ މޫސާ ރިލްވާން ވަނީ 16 އަހަރަށްވުރެ ގިނަ ދުވަހު ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރައްވާފައެވެ. އޭނާއަކީ ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެޒެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސްމެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.