މާލޭގެ ބައެއް ހިސާބުން ކަރަންޓު ކެނޑުމާއި މާލޭ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުމެއް ނެތް: ސްޓެލްކޯ

މާލޭގެ ބައެއް ހިސާބުން ކަރަންޓު ކެނޑުމާއި މާލޭ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުމެއް ނެތް: ސްޓެލްކޯ

Author
ހުސައިން
12 މެއި 2025 06:59
0

މާލޭގައި މިހާރު ކަރަންޓު ކެނޑެން މެދުވެރިވާ ސަބަބަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށާއި، މިދިޔަ މަހު މާލޭ އިންޖީނުގޭގައި ދިމާވި އަލިފާނުގެ ހާދިސާއާ މިކަމުގެ އެއްވެސް ގުޅުމެއް ނެތްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ، މިހާރު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭ ސަބަބަކީ މިދިޔަ މަހު މާލޭ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.

ސްޓެލްކޯއިން އިތުރަށް ސާފުކޮށްދިން ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހު މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި ހިނގި އަލިފާނުގެ ހާދިސާއަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެޓެންޑްވެ ވަނީ އަލިފާން ނިއްވާލާފައެވެ. އެހާދިސާ ހިނގިތާ ދެ ދުވަސް ތެރޭގައި އެ އިންޖީނު މަރާމާތުކޮށް، މިހާރު އެ އިންޖީނު ބޭނުންކުރަމުންދާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ގްރޭޓަރ މާލޭ ސަރަހައްދަށް ބޭނުންވާ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ ހުރިކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވައެވެ. މިހާރު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލެވެނީ ހަމައެކަނި ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށްވެސް އެ ކުންފުނިން ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.