އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައި، ސަރުކާރާމެދު ހުރި ކަންބޮޑުވުންތައް މިއަދު ހިއްސާކުރައްވައިފިއެވެ.
އެމްޑީޕީން ބުނާ ގޮތުގައި، ޝާހިދު އެ ބައްދަލުވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ފަހަތަށް ދާން ފަށާފައިވާ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުންގެ ފުރިހަމަ ބައިވެރިވުމާއެކު ޝަރުޢީ ނިޒާމު ހިސާރުކުރުމުގެ މަސައްކަތް ރޯމާދުވާލު ސަރުކާރުން ކުރަމުންދާކަމުގެ ކަންބޮޑުވުން ޝާހިދު ފާޅުކުރެއްވިއެވެ.
ޝާހިދުގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމާފައިވަނިކޮށެވެ. ކޮމިޓީގެ މި ނިންމުން ފާސްކޮށްފައިވަނީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ. ކޮމިޓީ ސިއްރުކުރަން ނިންމުމާއެކު، އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވަނީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއްނެތިކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ޕީއެންސީއަށް ދިވެހި މުޖުތަމަޢުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ، މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ޤާނޫނީގޮތުން ފަނޑިޔާރުން މަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ބަލައި، ތަޅުމަށް ފޮނުވައިގެން، ތަޅުމުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ