ކޯވިޑް-19 އަށް އެންމެ ފަހުން ހެދި ޓެސްޓުތަކުން ޕޮޒިޓިވްވެ މެންޗެސްޓަރ ސިޓީގެ ފަސް ކުޅުންތެރިއަކު މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ނުފެންނާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގައި މިދިޔަ ހޯމަ ދުވަހު ސިޓީ އިން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު، ކޯވިޑްގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެޓީމުގެ ޓްރެއިނިންތައް މެދުކަނޑާލުމަށް ފަހު އަލުން ޓްރެއިނިން ފެށުމުގެ ހުއްދަ ލިބުނީ މިދިޔަ ބުދަ ދުވަހު އެވެ. ގާޑިއޯލާ ބުނީ އެވަޓަންއާ ދެކޮޅަށް ކުޅޭވަރުގެ ސްކޮޑެއް އެޓީމުގައި އޮތް ކަމަށާއި، އެކަމަކު މެޗު އޮތް ދުވަހުގެ ހެނދުނު އިތުރު ބަޔަކު ޕޮޒިޓިވްވުމުން މެޗު ކެންސަލްކުރީ ކަމަށެވެ.
"މެޗު އޮތް ދުވަހު އިތުރު ކޭސްތަކެއް ފެނިގެން ކްލަބުން ޕްރިމިއާ ލީގަށް އެކަން އެންގީ. އަހަރެން އަމިއްލަ އަށް އެވަޓަންގެ ކޯޗު އަންޗެލޮޓީ އަށް ގުޅައި އެކަމުގައި ވާހަކަދެއްކިން"
– ގާޑިއޯލާ

ސިޓީ ޓީމުން މިދިޔަ ހަފްތާގައި ކޯވިޑަށް ޕޮޒިޓިވްވީ ޑިފެންޑަރު ކައިލް ވޯކާ އާއި ގެބްރިއަލް ޖިސުސް އެވެ. އެކަމަކު ފަހުން ހެދި ޓެސްޓުތަކުން އިތުރު ތިން ކުޅުންތެރިއަކަށް ކޯވިޑް ޖެހި އައިސޮލޭޝަނަށް ވަނީ ދާންޖެހިފަ އެވެ. ޖިސުސް އާއި ވޯކާގެ އިތުރުން ކޮވިޑްގެ ސަބަބުން އައިސޮލޭޝަނުގައި ތިބި އަނެއް ތިން ކުޅުންތެރިންގެ ނަން އެ ކްލަބުން ހާމަކޮށްފައެއްނުވެ އެވެ.
އެ ތިން ކުޅުންތެރިން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން ކްލަބުން ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޗެލްސީ މެޗުގައި ނުކުޅެވޭ 5 ކުޅުންތެރިން ވެސް މިވަގުތު އައިސޮލޭޝަންގައި ތިބީ ކޯވިޑް ޖެހުމުގެ ސަބަބުންނެވެ. މިރޭގެ މެޗަށް ނުކުންނައިރު އަނިޔާ އިން ރަނގަޅުވެ ޗެލްސީގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އެކަމަކު އެޓީމުގެ ޑިފެންޑަރު ރީސް ޖޭމްސް ހުރީ އަނިޔާގަ އެވެ.
ކޮމެންޓު ފޮނުވާ