ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީ ސިއްރުކުރުމަށް މިއަދު ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އިހްތިޖާޖްކޮށް އެމްޑީޕީގެ މެމްބަރުން ކޮމެޓީން ބޮއިކޮޓް ކޮށްފިއެވެ.
މި ދެ ފަނޑިޔާރުންގެ މައްޗަށް ކުރެވުނު ތުހުމަތަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. މިކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސާބިތުވާކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
މިއަދު ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަދައްކަން ފެށުމުން، ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ އެ ކޮމެޓީ ސިއްރުކުރުމަށް ހުށަހަޅުއްވާފައެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ކޮމެޓީ ސިއްރުކުރާނަމަ ކޮމެޓީގައި ބައިވެރިނުވާނެކަމަށް ވިދާޅުވެ ކޮމެޓީ ރޫމުން ނިކުމެވަޑައިގެންފައެވެ. އެ ދެ މެންބަރުން ނިކުމެވަޑައިގެންނެވި ނަމަވެސް، ޕީއެންސީ މެމްބަރުންގެ ވޯޓުން ކޮމިޓީ ސިއްރުކުރުމަށް ނިންމާފައިވެއެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. މިއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއްކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމާފައިވެއެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ