ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މި ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ. މިކަމާ ގުޅިގެން ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަމުން، ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ނިންމުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ޑރ. އިސްމާއިލް ހައްޔަރުކުރެވުނު ހާލަތާމެދު ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވާ ކަންކަމާއި ފުލުހުންގެ ތަޙުޤީޤުގައި ހާމަވެފައިވާ ކަންކަން ތަފާތުވާކަން ހިމެނެއެވެ.
ނާޒިލް ޑރ. އިސްމާއިލްގެ ހައްޔަރުކުރެވުނު ހާލަތާބެހޭ ތަފްސީލު ވާހަކަތަކެއް ދައްކަވަން ފެށުމުން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ލައިވްކޮށް ކުރިއަށްދާ ބައްދަލުވުމެއްގައި އެފަދަ ވާހަކަތައް ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެ، ބައްދަލުވުން ސިއްރުކުރުމަށް ހުށަހަޅުއްވާފައެވެ.
ސިއްރުކުރުމަށް ނެގުނު ވޯޓުގައި ޕީއެންސީގެ ހަތަރު މެންބަރުން ތާއީދުކުރެއްވިއިރު، ޕީއެންސީއަށް ނިސްބަތްވާ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ވަކިކޮޅަކަށް ވޯޓުދެއްވާފައެއް ނުވެއެވެ. ޝާމިން ހުށަހެޅުއްވީ ޑރ. އިސްމާއިލްގެ ވާހަކަ ނުދައްކައި، ފަނޑިޔާރުން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައާއި އިޖުރާއަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
ކޮމިޓީ ސިއްރުކުރުމަށް ނިންމުމާއެކު، އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ކަމުގައިވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ސިއްރު ބައްދަލުވުމެއްގައި ބައިވެރިނުވާނެކަމަށް ވިދާޅުވެ، އެތަނުން ނުކުމެވަޑައިގެންފައެވެ.
ބައްދަލުވުމުގައި ޝާހިދު ވަނީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އިޖުރާއަތްތައް ރަނގަޅަށް ފުރިހަމަކޮށްގެން ކަމަށް ވިދާޅުވެ، މައްސަލަ އޮތްގޮތަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް، ބައްދަލުވުން ސިއްރުކުރުމަށް ނިންމުމާއެކު މި ހުށަހެޅުމަށް ވޯޓަކަށް އައްސަވާފައެއް ނުވެއެވެ.
އިއްޔެ ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ފަނޑިޔާރުންނާއި ޖޭއެސްސީ ކޮމިޓީއަށް ހާޒިރުކުރުމަށް މައުރޫފް ޒާކިރު ހުށަހެޅުއްވި ނަމަވެސް، އެކަމަށް ވޯޓު ދެއްވާފައިވަނީ ނާޒިލް އެކަނި ކަމުން އެ ހުށަހެޅުން ވަނީ ފާސްނުވެ ހިނގައްޖެއެވެ.
ސުލޫކީ މައްސަލަ ބެލި ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތަކަށް، ދެ ފަނޑިޔާރުން ވެސް އަދި ބާ ކައުންސިލުން ވެސް ކޮމިޓީއަށް ހާޒިރުވުމަށް އެދިފައިވެއެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. ކުރީގައިވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް ވަކިކުރެވިފަވެއެވެ.
ކޮމެންޓު ފޮނުވާ