އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގަމުންދިޔަ ހަތިޔާރުގެ ހަމަލާތައް ހުއްޓާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. ދެ ޤައުމުގެ ހާރިޖީ ވަޒީރުން ވަނީ މިކަން ޔަގީން ކޮށްދީފައެވެ.
ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިސްހާގު ދަރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދިޔަ ހަމަލާތައް ވީ އެންމެ އަވަހަކަށް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ އެއްބަސްވުމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް އަވަސްކުރުމަށްވެސް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަކީ ޕާކިސްތާނުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައިވެސް އިސްހާގު ދަރު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖަޔަ ޝަންކަރު ވިދާޅުވީ، ދެ ޤައުމުން ކުރިއަށްގެންދިޔަ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ހަމަލާތައް ހުއްޓާލި ކަމުގައިވިޔަސް، އިންޑިއާއިން ޓެރަރިޒަމް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްކައި ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ކުރިއަށްގެންދެވި މަޝްވަރާތަކަށް ފަހުގައެވެ. އެގޮތުން، ރޭ ވަރަށް ގިނަ އިރުތަކެއް ވަންދެން އެމެރިކާ، އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި ބައްދަލުވުމެއް ބޭއްވިފައިވާކަން ސްކައި ނިއުސްއިން ފާހަގަކޮށްފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި މި ހަމަލާތައް ފެށިފައިވަނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދަށް ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި 26 މީހަކު މަރުވިއެވެ. އިންޑިއާއިން މި މައްސަލައިގައި އިނގިލި ދިއްކުރަނީ ޕާކިސްތާނަށެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ އެ ހަމަލާތަކުގައި އެޤައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަމުގައި އެންމެ ފުރަތަމަ ހަމަލާދީފައިވަނީ އިންޑިއާއިންނެވެ. އިންޑިއާގެ ފައިޓަރ ޖެޓްތަކުން ދިން ހަމަލާތައް ޕާކިސްތާނަށް އަމާޒުކުރިއެވެ. ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ކުޑަކުއްޖަކު ހިމެނޭގޮތަށް 13 އާންމު ރައްޔިތުންގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާއިން ބުނެފައިވަނީ އެޤައުމުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ޓެރަރިސްޓުން އުޅޭ ތަންތަނަށް ކަމަށެވެ. އިންޑިއާއިން ދިން ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނުންވެސް ވަނީ އިންޑިއާއަށް ހަމަލާތައް ދީފައެވެ.
ކޮމެންޓު ފޮނުވާ