އިންޑިއާއާއި ޕާކިސްތާނުން އެއްބަސްވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެފައިވަނީ، ދެޤައުމުގެ ވެރިން ޚިޔާރުކޮށްފައިވާ މަޝްވަރާގެ މަގާއި ސުލްހަވެރިކަމުގެ ފިޔަވަޅުތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ސަރަހައްދީ އިސްތިޤްރާރު ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމަކީ އެމެރިކާ މެދުވެރިވެގެން ދެ ޤައުމާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެކެވެ. ޓްރަމްޕް ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
ދެ ޤައުމު ދެމެދު ހިނގަމުންދާ ނުތަނަވަސްކަން ފެށުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގާމްގައި ހިންގި ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި 26 މީހަކު މަރުވިއެވެ. އިންޑިއާއިން މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނަށް މި މަހުގެ 8 ވަނަ ދުވަހު ހަމަލާ ދިނެވެ.
އޭގެ ފަހުން ދެ ޤައުމުން ވެސް ހަމަލާތައް ބަދަލުކުރަމުން ގޮސް، ދެފަރާތުން މީހުން މަރުވެފައިވެއެވެ. މިހާރު ދެޤައުމުން ވެސް ވަނީ މި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ