ރާއްޖެ "މައްކާ ރޫޓް އިނީޝިއޭޓިވް"ގައި ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމައިފި

ރާއްޖެ "މައްކާ ރޫޓް އިނީޝިއޭޓިވް"ގައި ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމައިފި

Author
ހުސައިން
10 މެއި 2025 02:49
0

1446 ވަނަ އަހަރު ދިވެހިރާއްޖެ "މައްކާ ރޫޓް އިނީޝިއޭޓިވް"ގައި ހިމެނުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުގެ އެންމެހައި ކަންކަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރިހަމަކުރެވޭނެއެވެ.

މި ނިޒާމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓްގައި އިމިގްރޭޝަން ކިޔޫގައި މަޑުކުރަން ނުޖެހި، ސީދާ އެ ބޭފުޅުންނަށް ހަމަޖެހިފައިވާ ހޮޓަލަށް ދެވޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ. މިހާތަނަށް މި ފުރުޞަތު ސަޢޫދީ ޢަރަބިއްޔާއިން ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ޙައްޖުވެރިން ގިނަ ޤައުމުތަކަށެވެ. ވުމާއެކު، ރާއްޖެއަށް މި ފުރުޞަތު ލިބުމަކީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރައްޔިތުންނާމެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މި ފުރުޞަތު ދިވެހިންނަށް ފަހިކޮށްދެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރު ޕްރިންސް ޢަބްދުލްއަޒީޒް ބިން ސުޢޫދު އާލްސަޢޫދަށްވެސް ޝުކުރު ދެންނެވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައްކާ ރޫޓްގައި ރާއްޖެ ހިމެނުމަށް ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަސްކުރިންނެވެ. އެއީ މިކަމާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކަށް ފަހުގައެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން ތަންފީޒުކުރަމުންދާ "ސަޢުދީ ވިޝަން 2030″ ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. މީގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމެވެ.

މި އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެއެވެ. އަދި އެއަރޕޯޓުގައި ފޮށިތަކުގައި ޓެގު ޖަހައި ރަޖިސްޓަރީކުރެވި، ޓާރމިނަލްގެ ޕާސްޕޯޓް ޓީމު މެދުވެރިކޮށް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ބޭނުންވާ ހުރިހާ ކަމެއް ނިމި، ސީދާ ބޯޓަށް އެރޭނެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. މީގެއިތުރުން ސަޢޫދީ ޢަރަބިއްޔާގެ އެއަރޕޯޓަށް ލެންޑްވުމާއެކު ޙައްޖުވެރިންނަށް ހަމަޖެހިފައިވާ ހޮޓަލަށް ސީދާ ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވުޒާރާއިން ހާމަކުރިއެވެ.

ރާއްޖޭގެ ޙައްޖު އަދި ޢުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.