ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ނިންމި ނިންމުމާ ގުޅިގެން، މި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މި މަހުގެ 5 ވަނަ ދުވަހު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޮމިޓީގެ ބައްދަލުވުން ތާވަލްކުރި ނަމަވެސް އެ ބައްދަލުވުންތައް ވަނީ ބޭއްވިފައި ނުވެއެވެ.
މަޖިލީހުގެ އިދާރާއިން މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައި ނުވިނަމަވެސް، ޖުޑިޝަރީ ކޮމިޓީގެ މެންބަރެއް 'ސަން' އަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ ކުރިން ތާވަލްކުރެވުނު ބައްދަލުވުންތައް ކެންސަލްކުރަން ޖެހުނީ ޖޭއެސްސީން މައްސަލައާ ގުޅޭ ބައެއް މުހިންމު ލިޔެކިޔުންތައް ކޮމިޓީއަށް ލިބިފައިނުވާތީ ކަމަށެވެ.
ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމީ މި މަހުގެ 4 ވަނަ ދުވަހު، އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހުގައެވެ. މި ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލަ ބަލަމުންދަނިކޮށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ފަނޑިޔާރުން ސަސްޕެންޑްކުރެވިފައިވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ފެށުމަށް ކުޑަ ވަގުތުކޮޅެއް އޮއްވައި ކަމެވެ. ފަނޑިޔާރުން ސަސްޕެންޑްކުރެވުނު އިރު، އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ވަނީ ސުޕްރީމް ކޯޓަށް އައްޔަނުކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ތުހުމަތުކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި ބަލަމުންދާ މުހިންމު ދުސްތޫރީ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން މިފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ޝަރުޢީ ދާއިރާ ނުފޫޒުން މިނިވަންކުރުން ހިމެނޭއިރު، އެމަނިކުފާނު ވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށާއި ދުވަހަކުވެސް ނުފޯރުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.