ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިއްޖެ

ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިއްޖެ

ގުޅުންހުރި

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށައިފިއެވެ. އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ. އަދި މެއި މަހު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ކުރާނެކަމަށްވެސް އިދާރާއިން ވިދާޅުވެފައިވެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނުކަން ބެލުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަކި މިންގަނޑުތަކެއް ބޭނުންކުރައްވައެވެ. އެގޮތުން، މެއި މަހުގެ 1 ވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ ގިނައިން ވާރޭވެހި، މި ހާލަތު ދެ ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނަމަ، ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނީކަމަށް ބެލެވެއެވެ.

މީގެއިތުރުން، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެ، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހި، މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނުކަމަށް ބެލެވޭ މިންގަނޑެކެވެ.

ވޭތުވެދިޔަ 24 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށަނީ ޖުމްލަގޮތެއްގައި މެއި މަހުގެ ތެރޭގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން މާރިޗު މަހުގެ ނިޔަލަށް އޮންނަ މޫސުމެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެވެ.

ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމަކަށްވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މަޢުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް އެފަރާތްތަކުން ވިދާޅުވެފައިވެއެވެ.

ހުޅަނގު މޫސުމުގައި ރޯގާއާއި ހުންއައުން ފަދަ ބަލިތައް އާންމުވުން އެކަށީގެންވާތީ، ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ހަށިގަނޑު ހޫނުކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ