އިންޑިއާ-ޕާކިސްތާން ހަމަނުޖެހުމާއެކު ދިވެހި ދަރިވަރުން ރާއްޖެއަށް އާދެވޭނެ ގޮތެއް ފަހިކޮށްދޭން އެދެނީ

އިންޑިއާ-ޕާކިސްތާން ހަމަނުޖެހުމާއެކު ދިވެހި ދަރިވަރުން ރާއްޖެއަށް އާދެވޭނެ ގޮތެއް ފަހިކޮށްދޭން އެދެނީ

ގުޅުންހުރި

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ދެ ގައުމު ދެމެދު ހަމަލާ ބަދަލުކުރަން ފެށުމާ ގުޅިގެން ޕާކިސްތާނުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް އެނބުރި އާދެވޭނެ ގޮތެއް ނެތި ގިނަ އާއިލާތަކުން އެހީއަށް އެދެން ފަށައިފިއެވެ.

ޕާކިސްތާނުގައި ޑޮކްޓަރުކަމުގެ އިންޓާންޝިޕް ހަދަން ހުރި ދަރިވަރެއްގެ އާއިލާ މީހަކު ފޭސްބުކްގައި ޕޯސްޓެއް ހިއްސާކޮށް، ޕާކިސްތާނުގެ ހާލަތު ހުރި ގޮތުން އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް އެނބުރި އައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއަށް ގުޅައިގެން އަދި އެއްވެސް އެހީތެރިކަމެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

"މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއަށް ގުޅައިގެން ވެސް މާ ބޮޑު އެއްޗެއް ސާފުވާގޮތެއް ނުވޭ. ފަހުން ނުވެސް ގުޅުނު،" ފާތިމަތު ޝިމްލާ ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ޝިމްލާ އިތުރަށް ބުނެފައިވަނީ "އެ ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދެވިދާނެތޯ އަދި ސަރުކާރު އިދާރާތަކުން މިކަމާ ގުޅިގެން އެއްވެސް ކަމެއް އެބަ ކުރޭތޯ ވެސް ޗެކްކޮށްލަން ބޭނުން. ވަރަށް ގިނަ އާއިލާތައް އެބަ ތިބި ހަބަރެއް ނުލިބި، ހަދަންވީ ގޮތެއް ނޭނގިފައި" ކަމަށެވެ.

ފަހުން ލިބުނު އަޕްޑޭޓެއްގައި އެމްބަސީއިން އޭނާއަށް ގުޅި ކަމަށާއި މައުލޫމާތު ހިއްސާކުރި ކަމަށް ޝިމްލާ ބުނެފައިވާއިރު، އެއާސްޕޭސް ބަންދުކޮށްފައިވާތީ އެއްވެސް ފްލައިޓެއް ނެތް ކަމުގެ ކަންބޮޑުވުން އިތުރު ޕޯސްޓެއްގައި އޭނާ ހިއްސާކޮށްފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއާ ސުވާލުކުރުމުން އެ މިނިސްޓްރީން ބުނެފައިވަނީ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އަޅާ ފިޔަވަޅުތައް ފަހުން ހާމަކުރާނެ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން ބޮޑުވީ މިދިޔަ މަހު 22ގައި ކަޝްމީރުގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި 26 މީހަކު މަރުވުމާ ގުޅިގެންނެވެ. ފަތުރުވެރިންނަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ ޕާކިސްތާނުގެ ބައިވެރިވުން އޮތް ހަމަލާއެއް ކަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކޮށްފައިވެއެވެ.

އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާއިން ވަނީ 'އޮޕަރޭޝަން ސިންދޫރު’ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައި، ޕާކިސްތާނާއި އެ ގައުމުން ބަލަހައްޓާ ކަޝްމީރުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގެ ރައްދު ދޭނެކަން ޕާކިސްތާނުން ޔަގީންކޮށް ބުނެފައިވާއިރު، ޕާކިސްތާނުން ވަނީ އޭގެ ފަހުން އިންޑިއާގެ ޖެޓުތަކެއް ވައްޓާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ