ފެން ބިލްގެ ޖޫރިމަނާ މާފުކުރުމަށް އެމްޑަބްލިއުއެސްސީން ޚާއްސަ ޕްރޮގްރާމެއް ތަޢާރަފުކޮށްފި

ފެން ބިލްގެ ޖޫރިމަނާ މާފުކުރުމަށް އެމްޑަބްލިއުއެސްސީން ޚާއްސަ ޕްރޮގްރާމެއް ތަޢާރަފުކޮށްފި

ގުޅުންހުރި

ފެން ކުންފުނި އެމްޑަބްލިއުއެސްސީން ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ބާއްވާ އިތުރު ޕްރޮގްރާމެކެވެ.

އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ޑޮމެސްޓިކް އަދި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެވޭނެއެވެ. މި ލުއި ލިބޭނީ އެ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 2025 ވަނަ އަހަރުގެ މޭ 1 އިން ޑިސެމްބަރު 31 އާ ދެމެދު އެއްކޮށް ދައްކައި ޚަލާސްކުރާ ކަސްޓަމަރުންނަށެވެ.

އަދި ވެސް އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އެއްފަހަރާ މުޅި އަދަދު ދެއްކުމަށް ދަތިވާ ފަރާތްތަކަށް އެއްބަސްވުމެއްގެ ދަށުން އެ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ. މި ފަރާތްތަކަށް ޖޫރިމަނާ މާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކުރުމުންނެވެ.

އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވަނީ ނުދެއްކި ގިނަދުވަސްވެފައިވާ ބިލްތަކަށް ފައިސާ ދެއްކުމުގެ މި ޚާއްޞަ ފުރުޞަތުގެ ބޭނުން ހިފުމަށާއި، އަދި ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަމުން ގެންދިއުމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސް.އެމް.އެސް ކުރުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އަންގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ