ޣައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް، މުޖާހިދުންގެ ފަރާތުން ދިން ކުއްލި ހަމަލާއެއްގައި އިސްރާއީލު ސިފައިންތަކެއް މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
މިގޮތުން ރަފާހު ސަރަހައްދުގައި، އިސްރާއީލުގެ ގޯލާނީ ބްރިގޭޑްގެ ފައުޖެއް ޣައްޒާގެ އިމާރާތެއްގެ ތެރޭގައި ތިއްބާ ގޮއްވާލި ބޮމެއްގެ ސަބަބުން މިހާތަނަށް ތިން ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ހާދިސާގައި ހަތް ސިފައިންނަށް އަނިޔާވެފައިވާއިރު، މީގެ ތެރެއިން ހަތަރު މީހުންގެ ހާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އަދިވެސް އިމާރާތުގެ ތެރޭގައި ތިން ސިފައިން ތާށިވެފައި ތިބިކަމަށާއި، އެމީހުންގެ ސިއްހީ ހާލަތާބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގޭކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި އެމީހުން ސަލާމަތްކުރެވޭނެކަމުގެ ޔަގީންކަމެއްވެސް މިވަގުތު ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.
ރަފާހުގައި އިސްރާއީލުގެ ސިފައިން މިވަގުތު މަސައްކަތްކުރަމުންދަނީ އިމާރާތް ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށްކަމަށް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް ޤަސާމް މުޖާހިދުން އެސަރަހައްދަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އިސްރާއީލުގެ މީޑިއާ ހަދަޝޮޓްއިން ރިޕޯޓުކޮށްފައިވެއެވެ.
މީގެއިތުރުން، ޝުޖާޢިއްޔާގެ ސަރަހައްދުގައިވެސް އިސްރާއީލުގެ ފައުޖުތަކަށް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށާއި، މިހަމަލާގައިވެސް ސިފައިންގެ ތެރެއިން ބަޔަކު މަރުވެ، އިތުރު ސިފައިން ޒަޚަމްވެފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.