އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަމަލާތައް އިތުރަށް ހަރުދަނާކޮށް، އިއްޔެ އެކަނި ވެސް 107 ފަލަސްތީނުންނެއް ޝަހީދުކޮށްލައިފިއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ ހަ ގަތުލުއާންމެއް ހިންގާފައިވާއިރު، އޭގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ ހާލުގައި ޖެހިފައިވާ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ އަބޫ ހަމީސާ ސްކޫލަށެވެ.
އަބޫ ހަމީސާ ސްކޫލަށް ދެވުނު ހަމަލާއަކީ ދެ ފަހަރެއްގެ މަތިން ދެވުނު ހަމަލާއެކެވެ. މި ހަމަލާގައި 33 މީހުން ޝަހީދުވެފައިވާއިރު، 73 މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން އިސްރާއީލް ސިފައިން އަލް-ކަރަމާ ސްކޫލަށްވެސް ހަމަލާ ދީފައިވެއެވެ. ފަތިސް ވަގުތާއި ހެނދުނު ދިން މި ހަމަލާގައި 19 ފަލަސްތީނުން ޝަހީދުވެފައިވެއެވެ.
ސްކޫލްތަކަށް ދިން ހަމަލާތަކުގެ އިތުރުން ތައިލެންޑް ރެސްޓޯރަންޓަކަށްވެސް ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި 20 މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ. ތައިލެންޑް ރެސްޓޯރަންޓްގެ 50 މީޓަރު ކައިރިން ދިން އިތުރު ހަމަލާއެއްގައި އަންހެނަކާއި އޭނާގެ ފިރިމީހާގެ އިތުރުން ދަރިފުޅު ޝަހީދުވެފައިވެއެވެ. މި ހަމަލާއާއި ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އެއީ "ހަމާސްގެ ކޮމާންޑް ސެންޓަރަކަށް" ދިން ހަމަލާއެއް ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށުމަށްފަހު މިހާތަނަށް 52،600 އަށް ވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް 18 ގައި އަލުން ފެށި ހަމަލާތަކުގައި މިހާތަނަށް 2،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި މުޅި ޖުމްލަ 118،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.