މާލެ – ރާއްޖެއަށް ވޭޕް އެތެރެކުރި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 88 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ސިމާހު ވިދާޅުވީ، މިހާރު ޤާނޫނުގައި އޮންނަގޮތުން ވޭޕް އެތެރެކޮށްފިނަމަ 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށާއި، އޭގެފަހުން ފެންނަ އިތުރު ކޮންމެ އާލާތަކަށް 10,000 ރުފިޔާ އިތުރުވާނެ ކަމަށެވެ. މިހެންވުމުގެ ސަބަބުން ވަކިވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިމާހު އިތުރަށް ހާމަކުރެއްވިގޮތުގައި، މިފަދަ ދެ މައްސަލައެއްގައި އެއް ފަރާތެއް 48 މިލިއަން ރުފިޔާއިން އަދި އަނެއް ފަރާތް 40 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ނަމަވެސް މިފަދަ ބޮޑެތި ޖޫރިމަނާތަކުން ފައިސާ ނުލިބުމަކީ ކަންބޮޑުވުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ. އެގޮތަށް ޤާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ" ކަމަށް ސިމާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހަދާއިރު، އެއީ ތަންފީޒުކުރަން ފަސޭހަ ޤާނޫނުތަކަކަށް ވާންޖެހޭކަމަށްވެސް ސިމާހު ވަނީ ފާހަގަކުރައްވާފައެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މިހާރު ޤާނޫނީ ގޮތުން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމަކީވެސް ކުށެކެވެ.
ކޮމެންޓު ފޮނުވާ