ރާއްޖޭގައި ދިމާވަމުންދާ ގިނަ މައްސަލަތަކުގެ އަސްލަކީ ރިޔާސީ ނިޒާމް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެއާއެކު އެ މައްސަލަތައް ޙައްލުކުރުމަށް ބަރުލަމާނީ ނިޒާމަށް ބަދަލުވެ، އަދި ޕްރިފަރެންޝިއަލް ވޯޓިންގ ތައާރަފްކުރުމުން ވަރަށް ގިނަ މައްސަލަތަލުގެ ހައްލު ލިބިގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވދާޅުވީ ރާއްޖޭގައި ފެންނަ ނުރަނގަޅު ކަންތައްތަކަކީ ވަކި ލީޑަރެއްގެ މައްސަލައެއް ނޫން ކަމަށާއި، ނިޒާމުގެ ބަދަލުން އެތައް ކަންތައްތައް އިސްލާހު ކުރެވޭނެ ކަމުގައެވެ.
"ޕާލަމަންޓްރީ (ބަރުލަމާނީ) ނިޒާމަށާއި ޕްރިފަރެންޝިއަލް (ގިނަ ވޯޓު ދެވޭ) ވޯޓިންގ އަށް ބަދަލު ވެއްޖެނަމަ އެތައް ކަމެއް އިސްލާޙް ވާނެ ކަމަށް ދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުއަކީ ސިޔާސީ މަސައްކަތް ފައްޓަވާނީއްސުރެ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މި ނިޒާމުގެ މައްސަލައަކީ ފާއިތުވި ސަރުކާރުގައި އެމްޑީޕީގެ ލީޑަރޝިޕްގައި ދެބައިވުން އުފެދި، ޕާޓީ "ރޫޅިގެން" ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްވެސްމެއެވެ.
އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އާއި ރައީސް ނަޝީދުގެ ދެމެދުގައި ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ޚިޔާލު ތަފާތުވުން އުފެދި، ދެ ބޭފުޅުންގެ ގުޅުން ދުރުވެ، ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، ޕާޓީން ވަކިވެވަޑައިގަތުމަށް މެދުވެރިވިއެވެ.
ރައީސް މުޢިއްޒު ތާއީދު ކުރައްވާ ޕްރިފަރެންޝިއަލް ވޯޓިންގ ނިޒާމުގައި، ވޯޓަލާމީހުން އެންމެ ރަނގަޅު ކެންޑިޑޭޓުން ތަރުތީބު ކުރާނެއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ، ދެވަނަ އަދި ތިންވަނަ ތަރުތީބުގެ ވޯޓުތައް ގުނާނެއެވެ.
މި ނިޒާމު ރާއްޖެއާ ގާތް އިންޑިއާ އަދި ސްރީލަންކާގައިވެސް އަމަލުކުރަމުން ގެންދެއެވެ. ސްރީލަންކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ނުލިބުމުން، ދެވަނަ ތަރުތީބުގެ ވޯޓުތައް ގުނައިގެން ނަތީޖާ ނެރެފައިވެއެވެ.
ރާއްޖޭގެ ދެ ތަޖުރިބާކާރު ސިޔާސީ ލީޑަރުން ބަރުލަމާނީ ނިޒާމަށް ބަދަލުވުމާއި ޕްރިފަރެންޝިއަލް ވޯޓިންގ ތައާރަފް ކުރުމަށް އެއްބަސްވެ، ތާއީދު ކުރައްވާކަމީ، ސިޔާސީ ނިޒާމުގެ އިސްލާހަށް އައު ބާރެއް ލިބިދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ