އެމެރިކާގެ މަޝްހޫރު ޕްރެސެންޓަރު ލެރީ ކިންގ ކޯވިޑް19އަށް ޕޮޒިޓިވް ވެގެން، ލޮސް އޭންޖެލިސްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.
ލެރީ ކިންގެގެ އާއިލާގެ ގާތް މީހުން، ދިގު ޒަމާންތަކެއް ވަންދެން އޭނާގެ މަޝްހޫރު ޓީވީ ޝޯވް "ލެރީ ކިނގް ލައިވް" އޭނާ ހުށަހެޅި ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކޯވިޑަށް ޕޮޒިޓިވްވެގެން އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުންދަނީ، ސިނާއީ މެޑިކަލް ސެންޓަރގައެވެ.
ކިންގްއަށް ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ ސިއްޙީ އެތަކެއް މައްސަލަތަކާ ކުރިމަތިވެފައެވެ. މީގެ ތެރޭގައި ހާރޓް އެޓޭކެއްވެސް ހިމެނެއެވެ.
ލެރީ ކިންގެ 60 އަހަރަށް ދިގުދެމިގެން ގޮސްފައިވާ މީޑިއާގެ ހަޔާތުގައި އޭނާއަށް ވަނީ، ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، ދުނިޔޭގެ މަޝްހޫރު އެތައް އެވާޑެއް ލިބިއެވެ. މީގެ ތެރޭގައި ޕިއަބޮޑީ އެވާޑާއި އަދި މަޝްހޫރު އެމީ އެވާޑްވެސް ހިމެނެއެވެ.
އުމުރުން 87 އަހަރުގެ ކިންގގެ ފަރާތުން ރަސްމީކޮށް އޭނާގެ ސިއްޙީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި އޭނާގެ މިވަގުތު ހާލަތުވެސް އޮޅުން ފިލާފައެއް ނުވެއެވެ.
ލެރީ ކިންގއަށް ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ އާންމު ކޮށްފައިވަނީ މަޝްހޫރު އެންޓަރޓެއިންމެންޓް މެގަޒިނެއް ކަމުގައިވާ ޝޯވްބިޒް411 އިން ޖެނުއަރީ 1 ވަނަ ދުވަހުއެވެ. އެމެގަޒިންއިން އޭރު ހާމަކޮށްފައިވަނީ، އާއިލާ މެމްބަރުންނަށްވެސް ޒިޔާރަތް ނުކުރެވޭ ގޮތަށް، އެކަހެރިވެ ހުންނަވާއިގެން ކިންގ ފަރުވާ ހޯދަމުން ދާކަމަށެވެ.

ކިންގ އެންމެ ފުރަތަމަ ތައާރަފް ވެގެން ދިޔައީ، 1970 ވަނަ އަހަރު، "ލެރީ ކިންގ ޝޯވް"ގެ ނަމުގައި، ކޮމާޝަލް ނެޓްވާކެއް ކަމުގައިވާ މިއުޗުއަލް ބްރޯޑްކާސްޓިން ސިސްޓަމުގައި އޭނާ ހުށަހަޅަން ފެށި ރޭޑިއޯ ޕްރޮގްރާމަކުންނެވެ.
އެއަށްފަހު، ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް ސީއެންއެންގައި، "ލެރީ ކިންގް ލައިވް"ގެ ނަމުގައި މަޝްހޫރު ވެގެންދިޔަ ޝޯވް އޭނާ ވަނީ، 1985 އިން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ހުށަހަޅާ ދީފައެވެ. މި މުއްދަތުގައި، މިޝޯވްގައި، އޭނާވަނީ ދުނިޔޭ އެތަކެއް މަޝްހޫރު ސިޔާސީ ޝަޚްސިއްޔަތު ތަކާއި، އެތްލީޓުންނާއި، ފިލްމީ ތަރިންނާ އަދި މީގެއިތުރުން ތަފާތު އެތަކެއް ކޮންސްޕިއަރީ ތިއަރީތައްވެސް ހުށަހަޅާ ދީފައެވެ.
އަދީ މީގެ އިތުރުން، 20 އަހަރުވަންދެން މެދު ނުކެޑި އޭނާވަނީ، މަޝްހޫރު ނޫހެއް ކަމުގައިވާ "ޔޫއެސްއޭ ޓުޑޭއަށް" ޙާއްސަ ކޮލަމެއްވެސް ލިޔުއްވާފައެވެ.
އެންމެ ފަހުން އޭނާ ހުށަހަޅުއްވާފައިވަނީ، "ލެރީ ކިންގ ލައިވް"ގެ ނަމުގައި ރަޝިއާގެ ސްޓޭޓް ބްރޯސްކާސްޓަރ ހުލު އެންޑް އާރްޓީގައި އޭނާ ހުށަހެޅުއްވި ޝޯވްއެވެ.
މީޑީއާގައި އޭނާ ހޭދަކުރެއްވި ދިގު ހަޔާތުގައި އޭނާއަށްވަނީ ސިއްހީ ތަފާތު ބޮޑެތި މައްސަލަތަކާވެސް ކުރިމަތި ލާން ޖެހިފައެވެ. މީގެތެރޭގައި، ހަކުރުގެ މައްސަލައާއި، ހިތުގެ މައްސަލަތައް ހިމެނެއެވެ. އަދި ހާޓް އެޓޭކެއް ޖެހުމުގެ އިތުރުން އޭނާވަނީ ފުއްޕާމޭގެ ކެންސަރަށްވެސް ފަރުވާ ހޯދާފައެވެ.
ލެރީ ކިންގގ ެ5 ކުދިން ތިބި އިރު، ދެކުއްޖަކު ވަނީ، ޖެހިޖެހިގެން ދެހަފްތާގެ ދުރުމިނުގައި ފާއިތިވެދިޔަ އަހަރު މަރުވެފައެވެ. އެއްކުއްޖަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެފައި ވާއިރު، ދެވަނަ ކުއްޖާ މަރުވެފައިވަނީ ފުއްޕާ މޭގެ ކެންސަރު ޖެހިގެންނެވެ.
1988 ވަނަ އަހަރު އޭނާ ވަނީ، މާލީ ތަނަވަސްކަން ނެތް، ނުވަތަ އިންޝޫރަންގެ އެއްވެސް ޚިދުމަތެއް ލިބެން ނެތް ފަރާތްތަކަށް ހިލޭ ސާބަހަށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކާ ލެރީ ކިންގގް ކާޑީއޭކް ފައުންޑޭޝަންގެ ނަމުގައު ޚާއްސަ ފައުޑޭޝަނެއްވެސް އުފައްދާފައެވެ.
ކޮމެންޓު ފޮނުވާ