ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަވަސް މުސްތަގުބަލެއްގައި މުސާރައިގެ ކުރިއެރުން ލިބޭނެކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު ނާސިޙު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ނެރުއްވި ބަޔާނެއްގައި ނާސިޙު ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޖޫރަ މަތިކޮށް އަދި އުޖޫރައިގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ސިވިލް ސާވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ އުޖޫރައިގެ ކުރިއެރުން ލިބުމަށް އުއްމީދުކުރައްވާ ކަމަށް ނާސިޙު ވިދާޅުވިއެވެ.
"މި ދެންނެވި އުޖޫރައިގެ ހަމަހަމަކަން ޤާއިމުވެގެން ދިއުމަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ތަނަވަސްވާނެ މަގެއް ކަމާއި ސިވިލް ސާވިސްގެ ދާއިރާތަކަށް ޤާބިލު މީހުން ހޯދުމުގައި ތަޙައްމަލުކުރަން ޖެހޭ ދަތިތަކަށް ވެސް ރަނގަޅު ޙައްލެއް ލިބިގެންދާނެ ކަމެއްކަން މި ފުރުސަތުގައި ފާހަގަކުރަން،" ނާސިޙު ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މުސާރަ ބޮޑުކުރަން ގޮވާލައި ޕެޓިޝަނެއް ވެސް ސިވިލް ސާވިސްގެ މުވައްޒަފުން މިދިޔަ އަހަރު ރައީސް އޮފީހަށް ހުށަހެޅިއެވެ. ނިމިގެން ދިޔަ ވެރިކަމުގައި ޓީޗަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކުރެވުނު ނަމަވެސް، އެހެން ދާއިރާތަކުގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އިތުރުކުރެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ