މަސައްކަތްތެރިންގެ ޙައްޤުގައި ފާހަގަކުރާ މޭޑޭ ނުވަތަ މެއި އެއްވަނަ ދުވަހުގެ ހަރަކާތްތަކުގައި، ޤައުމުގެ މައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާނުކުރެވުނުކަމަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސާ ވިދާޅުވެފައިވަނީ، 2006 ވަނަ އަހަރުން ފެށިގެން މޭޑޭގެ ރެލީތަކުގައި އެމްޑީޕީން ވަރަށް ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައިވާއިރު، މިއަހަރުގެ ރެލީގައި އެ މަންޒަރު ފެނިގެން ނުދިޔަކަމަށެވެ. 2025 ވަނަ އަހަރާ ހަމައަށް އައިއިރު އެމްޑީޕީގެ ގިނަ ޙަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
އެމްޑީޕީގެ ވެރިންނަށް މިހާރު އެންމެ މުހިއްމު ކަމަކަށް ވެފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން އެކަނި ކަމަށް ވިދާޅުވެ ރީކޯ މޫސާ ފާޑޫ ވިދާޅުވިއެވެ. "އެމްޑީޕީގެ ރޫޙު ނެތި، އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުމެއް ނެތި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އެމްޑީޕީއަށް ކުރިމަތިވާނީ ނާކާމިޔާބީއެއް ކަމަށް" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރީކޯ މޫސާ ވިދާޅުވެފައިވަނީ ފަހުން ބޭއްވުނު އިންތިޚާބުތަކުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީތަކަކީ، ޕާޓީގެ މެންބަރުންގެ ބައިވެރިވުން ނެތި ޕާޓީގެ ކަންކަން ނިންމުމުގެ ސަބަބުން ލިބުނު ނާކާމިޔާބީތަކެއް ކަމަށެވެ. އެމްޑީޕީ ކުރިއަށް ގެންދެވޭނީ އެ ޕާޓީގެ ލީޑަރޝިޕް ބަދަލުކޮށްގެން ކަމަށް ވަނީނަމަ، ލީޑަރޝިޕް ބަދަލުކޮށްގެން ވިޔަސް ކުރީގެ އެމްޑީޕީގެ އަސްލު ރޫޙު އަނބުރާ ގެންނަން ޖެހޭކަމަށް ރީކޯ މޫސާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު އެންމެ ރަނގަޅުގޮތް ކަމަށް ވިދާޅުވާ ވިދާޅުވުމަށްވެސް ރީކޯ މޫސާ ފާޑުވިދާޅުވިއެވެ. ރީކޯ މޫސާ ވަނީ މިފަހަކަށް އައިސް އެމްޑީޕީގެ ލީޑަރޝިޕާއި ދެކޮޅަށް ތަފާތު ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ