އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ފާޅުކުރެއްވު ޚިޔާލުތަކަށް ޝަހީމް ރައްދު ދެއްވައިފިއެވެ. ޝަހީމް ވިދާޅުވެފައިވަނީ އެޕާޓީގެ ލީޑަރޝިޕަށް ވާދަކުރެއްވުމަށް ކެބިނެޓް ދޫކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައިވާ ހާލަތުން ސަލާމަތްކުރުމަށް، ޝަހީމް މުއިއްޒުގެ ކެބިނެޓް ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ޝަހީމް ވަނީ އިމްރާންގެ ޕޯސްޓަށް ރައްދުދެއްވައި، އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރެއްވުމަށް ކެބިނެޓް ދޫކުރައްވަން ނުޖެހޭނެ ކަމަށް ފާހަގަކުރައްވައިފައެވެ. އެގޮތުން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީގެ މެންބަރެއް މަގާމެއްގައި ހުންނަން އެ ޕާޓީގެ ދުސްތޫރު މަނާ ނުކުރާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ، "އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އަޅުގަނޑު އިންތިހާބުކުރައްވައިފި ނަމަ، ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިއަށްދާނަން އިންޝާﷲ" ކަމަށެވެ.
މިނިސްޓަރު ޝަހީމަކީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޝަހީމް ވަނީ މީގެ ކުރިން އަދާލަތު ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މިހާރު ޝަހީމް ވަނީ އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފައެވެ.
ކޮމެންޓު ފޮނުވާ