މާލޭގައި އިމާރާތަކުން ވެއްޓުނު ޔުމްނުގެ މައްސަލަ ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަރާރަކުން އުފައްދަވާފައިވާ ކޮމިޝަނުގެ މަސައްކަތް މިނިވަންކަމާއެކު ކުރިއަށްގެންދާނެ ކަމަށް ކޮމިޝަނުގެ އިސްވެރިޔާ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށާފައިކަމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައިކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. އަދި ނޫސްވެރިންނާއެކު މި ބައްދަލުވުމަށްފަހު ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަށް އައްޔަންކުރުމާއެކު ސިޔާސީގޮތުން އެކި ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަމުން ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ ކަމަށްވެސް ޑރ. މުނައްވަރު ވިދާޅުވިއެވެ.
"ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ސުވާލުކުރީ ކީއްވެހޭ ކޮމިޝަންގެ މެންބަރަކަށް ވުމަށް އެއްބަސްވީ. އަޅުގަނޑަކީ ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ ގާތް މީހެއް. ރަހުމަތްތެރިކަމުގައި. އެކަމުގެ އަޅުގަނޑަކީ ނުފޫޒު ހިންގަން ފަސޭހަ މީހެއް ނޫން. އެހެންވީމަ މިނިވަންކޮށް ކޮމިޝަނުން ބަލަން ހުރި ކަންކަން މިނިވަންކޮށް ބެލުމަށްޓަކައި އަޅުގަނޑުމައްޗަށް ނުފޫޒު ފޯރުވުމަށް ފަސޭހައެއް ނުވާނެ," ޑރ. މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ ކޮމިޝަނުގެ އެހެން މެންބަރުންގެ އިންޓެގްރިޓީއާމެދު ސުވާލެއް ނެތްކަމަށާއި، އޭނާގެ ބެލުމުގެ ދަށުން ކޮމިޝަނުގެ މަސައްކަތް ވަރަށް މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ.
މިނިވަންކަމާއެކު މަސައްކަތް ކުރިއަށްގެންދެވެން ނެތްނަމަ، ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒަށް ކަމެއް ނިންމަންޖެހިއްޖެނަމަ ނުވަތަ ޕްރެޝަރެއް ކުރިމަތިވެއްޖެނަމަ، ވަގުތުން އިސްތިއުފާ ދެއްވާނެކަމަށްވެސް ޑރ. މުނައްވަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ