ޔުމްނު ވެއްޓުނު މައްސަލައިގައި މިނިސްޓަރު އަމީންގެ ނުފޫޒު އޮތްކަމަށް ބުނާ މައްސަލަ ބަލާނެކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި

ޔުމްނު ވެއްޓުނު މައްސަލައިގައި މިނިސްޓަރު އަމީންގެ ނުފޫޒު އޮތްކަމަށް ބުނާ މައްސަލަ ބަލާނެކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި

Author
ހުސައިން
30 އޭޕްރިލް 2025 02:06
0

ހާއްވާ ޔުމްނު ރަޝީދު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައިގައި ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން "މިނިސްޓަރު އަމީން ގުޅާކަމަށް" ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯގެ މައްސަލަ ބަލާނެކަމަށް މި މައްސަލައިގައި އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ މިއީ ހިނގާފައިވާ ކަމެއްތޯ އެ ކޮމިޝަނުން ސާފުކޮށްދޭނެކަމަށެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯގައި "މިނިސްޓަރު އަމީން އެބަ ގުޅާ" ކަމަށް ބުނާ އަޑު އިވޭކަމަށް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.

ތަޙުޤީޤީ އިދާރާތަކުން މިހާތަނަށް މި މައްސަލައިގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގަރާރަކުން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވިގޮތުގައި، ކޮމިޝަނުން އެންމެ ފުރަތަމަ ބަލާނީ މައްސަލަ ބެލި މުއައްސަސާތަކުގެ އިޙުމާލެއް އޮތްތޯކަމަށެވެ. އަދި މި މަސައްކަތަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މާގިނަ ދުވަހެއް ނުނަގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ބަންޑާރަ ނައިބު ކަމުގައިވެސް ހުންނެވި ޑރ. މުނައްވަރު އިތުރަށް ވިދާޅުވީ މީގެ ކުރިން އުފެދުނު ރިޔާސީ ކޮމިޝަންތަކުން ޢަމަލުކޮށްފައިވާގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި މައްސަލަ ބަލަނީ ދައުލަތުގެ އެއްވެސް މުއައްސަސާއަކާ ދެކޮޅަށްކަމަށް ހީކޮށްގެން ނުވާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރަން ރައީސް ޑރ. މުޢިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭރު ހިމެނުނު ތިން މެންބަރުންގެ ތެރެއިން ޑރ. މުޙައްމަދު ޙަބީބު ކޮމިޝަނުން އިސްތިޢުފާދެއްވުމާ ގުޅިގެން އިއްޔެ ވަނީ ކޮމިޝަނަށް ބަދަލު ގެންނަވައި އަލުން އެކުލަވާލައްވާފައެވެ.

މިހާރު ކޮމިޝަންގައި ހިމެނެނީ ޑރ. މުޙައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު މުޙައްމަދު (ވ. އަލްމާން)، ޑރ. މޫސާ މުރާދު (ދަފްތަރު ނަންބަރު ރސ 641)، ޖަބީން މުޙައްމަދު (ތ. ވޭމަންޑޫ، މޫނިމާގެ) އަދި އާމިނަތު އީނާސް (ހ. ހަބަރު) އެވެ. ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ ޑރ. މުޙައްމަދު މުނައްވަރެވެ.

ކޮމިޝަނުން ބާއްވާ ޕްރެސް ކޮންފަރެންސް މާދަމާ އޮންނާނެ ވަކި ގަޑިއެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮމިޝަންގެ ހުރިހާ މެންބަރުން ނޫސްވެރިންނާއި ބައްދަލުކޮށް ތަޙުޤީޤު ކުރިޔަށް ގެންދާގޮތް ހާމަކުރަން ނިންމާފައިވާކަން ވަނީ އެނގިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.