ކުރިޔަަށް އޮތް 24 ގަޑިއިރާ 36 ގަޑިއިރު ތެރޭގައި އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާ ދޭނެކަމަށް ލަފާކޮށްފި

ކުރިޔަަށް އޮތް 24 ގަޑިއިރާ 36 ގަޑިއިރު ތެރޭގައި އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާ ދޭނެކަމަށް ލަފާކޮށްފި

Author
ހުސައިން
30 އޭޕްރިލް 2025 09:08
0

ކުރިއަށް އޮތް 24 ނުވަތަ 36 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް ދީފާނެކަމަށް، "އިތުބާރުހުރި އިންޓެލިޖެންސް" މަޢުލޫމާތަށް ބިނާކޮށް، ލަފާ ކުރެވޭކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓަރު އަޓައުﷲ ތަރާރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ތަރާރު ވިދާޅުވެފައިވަނީ، އޭޕްރީލް 22 ގައި ޕަހަލްގާމް ރިސޯޓުގައި ދިން، 26 ފަތުރުވެރިން މަރުވި ހަމަލާ، "ދޮގު ބަހަނާއެއްގެ" ގޮތުގައި ބޭނުންކޮށްގެން އިންޑިއާއިން މިހާރު ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް ދޭން ރާވަމުންދާކަމަށެވެ. ނަމަވެސް މިނިސްޓަރު މި ދަޢުވާއަށް އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ.

"އަދާވާތްތެރި ކޮންމެ ޢަމަލަކަށް ހަރުކަށި ޖަވާބެއް ދެވޭނެ. ސަރަޙައްދުގައި އެއްވެސް ނުރައްކާތެރި ނަތީޖާއެއް ނުކުމެއްޖެނަމަ އޭގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އިންޑިއާއިން" މިހެން ވިދާޅުވެ ތަރާރު އެކްސްގައި ޕޯސްޓުކުރެއްވިއެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވެސް ހޯމަ ދުވަހު ރޮއިޓަރސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ "ކައިރި މުސްތަޤުބަލެއްގައި" އިންޑިއާއިން އަސްކަރީ ހަމަލާއެއް ދިނުމުގެ ފުރުޞަތު އޮތްކަމަށެވެ. އިސްލާމާބާދުގައި މަތީ ފެންވަރުގެ ސަލާމަތީ ފިޔަވަޅުތައް އެޅިފައިވާ ކަމަށާއި، "އަހަރެމެންގެ ވުޖޫދަށް ސީދާ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ" މެނުވީ ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

ޕަހަލްގާމްގައި ހިނގި ހާދިސާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނާއި މެދު ތުހުމަތު ކުރުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އިންޑިއާއިން ބުނެފައިވަނީ ހަމަލާގައި ޕާކިސްތާނުގެ ފަރާތްތަކެއް ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ޕާކިސްތާނުން މި ދަޢުވާތަކަށް ގަދައަޅައި ދެކޮޅު ހަދަމުންދެއެވެ.

މި ދެ ނިއުކްލިއަރ ބާރު ކަމަށްވާ ގައުމުގެ ދެމެދުގައި ކަންތައް ހަރުކަށިވެފައިވާތީ، ހަނގުރާމައެއް ފެށިއްޖެނަމަ މުޅި ސަރަޙައްދަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރުން ސަރަޙައްދުގެ އެހެން ގައުމުތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިންޑިއާގެ ސަރުކާރުން މިހާތަނަށް ޕާކިސްތާނުގެ މި ތުހުމަތުތަކާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.