ޝަމްއާންގެ ބަންދު ދެމެހެއްޓުމަށް ހައިކޯޓުން ނިންމައިފި

ޝަމްއާންގެ ބަންދު ދެމެހެއްޓުމަށް ހައިކޯޓުން ނިންމައިފި

Author
ހުސައިން
29 އޭޕްރިލް 2025 08:05
0

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުންވެސް ދަމަހައްޓައިފިއެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް ހައްޔަރުކުރީ މިއަހަރުގެ މަރޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. އެދުވަހު ފުރަތަމަ އޭނާގެ ބަންދު މުއްދަތު ކަނޑައެޅީ 15 ދުވަހަށެވެ. އެއަށްފަހު، އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަމްއާން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.

ޝަމްއާންގެ ފަރާތުން މި ދެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކުރުމުން، އެކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރުވެސް ރަނގަޅުކަމަށެވެ.

ޝަމްއާންގެ ފަރާތުން ގާނޫނީ ބަހުސްތަކެއް ކުރަމުން ގެންދިޔައެވެ. އޭގެތެރޭގައި މި މައްސަލަ ތަހުގީގުކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއްކަމަށް ފާހަގަކުރިއެވެ. އެހެންނަމަވެސް ހައިކޯޓުން އެކަން ބަލައިގަނެފައެއް ނުވެއެވެ. ހުކުމުގައި ބަޔާންކޮށްފައިވަނީ ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެކަމަށެވެ.

މީގެއިތުރުން، ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން "އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް" ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާކަމަށެވެ. އެހެންކަމުން 15 ދުވަހަށް ބަންދުކުރުމަށް ނިންމި އަމުރަށް އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުން ނިންމައިފައިވެއެވެ.

ޝަމްއާންގެ މައްޗަށް ތުހުމަތުކުރެވެނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.