އަނަސްގެ މަރުގެ މައްސަލައިގައި ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލުކޮށްފި

އަނަސްގެ މަރުގެ މައްސަލައިގައި ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލުކޮށްފި

Author
ހުސައިން
28 އޭޕްރިލް 2025 02:55
0

ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގޯސްކޮށް ނިންމާފައިވާ ނިންމުމެއްކަމަށް ސުޕްރިމް ކޯޓުން މިއަދު ކަނޑައަޅާއިފިއެވެ.

މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގައި 2017 ވަނަ އަހަރުގެ ޖުލައި މަހު ގްރޫޕަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލައިގައި، ދައުލަތުން ހަތް މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެ ފަރާތްތައް ބަންދުން ދޫކޮށްލުމަށްފަހު، ދައުލަތުން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ވެސް ނިންމީ އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ނެތްކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅުއްވާފައިވަނީ ހައިކޯޓުން އެ މީހުން ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ ޤާނޫނީގޮތުން ހުއްދަނޫން ސަބަބުތަކެއް ބަޔާންކުރުމަށްފަހުގައި ކަމަށެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އިސްތިއުނާފު މަރުޙަލާގައި މީހުން ބަންދުކުރާނެ ހާލަތްތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ޤާނޫނުގައި ނެތް ކަންކަމަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލުމަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް މި ރައުޔަށް ތާއީދުކުރެއްވި ނަމަވެސް، ފަނޑިޔާރު ޢާއިޝާ ޝުޖޫން ތާއީދެއް ނުކުރައްވައެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، އިސްތިއުނާފު މަރުޙަލާގައި މީހަކު ބަންދުކުރާއިރު، ތުހުމަތުކުރުމަށް އެކަށީގެންވާ ހެކި ހުރިތޯއާއި، ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްތޯ އަދި މުޖުތަމަޢަށް ނުރައްކާ އޮތްކަމަށް ބެލެވޭ އިހުތިމާލު އޮތްތޯ ބަލަންޖެހެއެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން އެއް ކުޑަކުއްޖެއްގެ މައްޗަށްވެސް ދަޢުވާ އުފުލާފައިވެއެވެ. އެ ކުއްޖާގެ މައްޗަށް ހައިކޯޓުން 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ހުކުމް ލުއިކޮށްދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.