އެމެރިކާއިން އަވަހާރަ ކޮށްލާފައިވާ، އީރާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލް، ގައްސާމް ސުލައިމާނީ ޝަހީދު ކޮށްލިތާ އެއްއަހަރު ފުރޭ މުނާސަބާތާއި ދިމާކޮށް، އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، އިގިރޭސިބަހުން ހަދާފައިވާ ޚާއްސަލަވައަކުން އިރާނުން ސޯޝަލް މީޑިއާ ފުރާލާއިފިއެވެ.
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގުދުސް ފޯސް (IRGC)ގެ ކޮމާންޑަރު، ގައްސާމް ސުލައިމާނީ ޝަހީދު ކޮށްލާފައިވަނީ، 2020 ވަނަ އަހަރުގެ ޖެނުއަރީމަހު 3 ވަނަދުވަހު، ބައުދާދުގެ އެއަރޕޯޓު ކައިރިން، އެމެރިކާގެ ރައީސްގެ އޯޑަރަށް ދެވުނު ޑްރޯން ހަމަލާއެއްގައެވެ.
އިރާނުގެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ "ތިބާގެ ވިދުން" މިނަން ދެވިފައިވާ 4 މިނިޓްގެ މިލަވައިގެ ލިރިކްސް ހަދާ އަދި ލަވަ ކިޔާފައިވަނީ އިގިރޭސިވިލާތައް އުފަން، އެހެންނަމަވެސް މިހާރު އިރާނުގައި ދިރިއުޅެމުންދާ މަޝްހޫރު އާރޓިސްޓް ހަސަން ތަވަކޮލީއެވެ.
މިހާރު ޔޫޓިއުބުން ބެލޭގޮތަށް އާންމުކޮށްފައިވާ މި ލަވައިގެ ލިރިކްސްގައި ބުނެފައިވަނީ، "ތިބާގެ ނަމަކީ Q.S. (ގައްސާމް ސުލައިމާނީ)، ތިބާއަކީ އިންސާނިއްޔަތުގެ ބަތަލެއް. ތިބާއަކީ ދުނިޔޭގެ މައިބަދަތައް ފޫއަޅުވާލާފަދަ، ތޫނުފިލިކަމުގައި އެފަދަ ދެވަނައެއް ނެތް މީހެއް. ތިބާ ވަނީ ހުރިހާ މާނައެއްގައިވެސް، ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ދެތުވެފަ،" މިހެންނެވެ.
އަދި މި ލިރިކްސްގައި އިތުރަށް ބުނެފައިވަނީ: "ތިބާ ދުނިޔެ ދޫކުރި ހިސާބުން ފެށިގެންވެސް، މުޅި ދުނިޔެ އޮޅުންބޮޅުންގަޑަކަށް ބަދަލުވެގެން ގޮސްފައިވާކަމަށް ގަބޫލުކުރަން އަހަރުމެންނަށް އެބަ މަޖުބޫރުވޭ. ތިބާއަކީ ހިތްތައް ގުޅުވާލަދިން ފާލަމެއް. އަހަރެމެންނަށް ހާސްކަން ވެރިވީ ހުރިހާ ވަގުތެއްގައިވެސް ތިބާ އަހަރެމެންނާ އެކުވައި ވީމު. ބަލާލާ ކޮންމެ ދިމާލަކުންވެސް އަހަރުމެންނަށް ފެންނަމުން ދަނީ ތިބާގެ ވަކިވުމެއް ނެތް ނިޝާންތައް. ތިބާ ވަނީ، މިދުނިޔެއަކީ ރަގަޅުތަނަކަށް ހެދުމުގައި އެތަކެއް މަސައްކަތްތަކެއް ކޮށްދީފައި. ތިބާގެ ވަކިވެދިއުމުން ލިބޭ ނުތަނަވަސްކަން، އައްދާރުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ. އަދި ތިބާގެ މޫނުމަތީގައިވީ ހިނިތުންވުންވެސް ދުވަހަކުވެސް އެބައިމީހުންގެ ހަދާންތަކުން ފިލައިގެނެއް ނުދާނެ." މިފަދައިންނެވެ.
މިލަވަ ކިޔާފައިވާ ތަވަކޮލި އާންމުކޮށްފައިވާ މިލަވައިގެ ވީޑިއޯ ކްލިޕެއްގައިވާ ލިރިކްސްގައި ވަނީ: "ވަރަށް އަނިޔާވެރިކޮށް އެމީހުން ތިބާ ޝަހީދު ކޮށްލާފައިވި ނަމަވެސް، ތިބާގެ އަސްކަރިއްޔާދަނީ ހެދި ބޮޑުވަމުން. އެއީ މިހުރިހާ ބޭއިންސާފެއްގެމަތިން، މީސްތަކުން މިއަދު ފޫހިވެ މާޔޫސްވެފައިވާތީވެ. އަދި ތިބާގެ އަސްކަރިއްޔާއިން ތިބާއެކޭ އެއްފަދައިން، ބޭއިންސާފާ ދެކޮޅަށް ހަގުރާމަ ކުރަމުން ދާނެ،" މިފަދައިންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދައުރުވަމުންދާ މި ވީޑީއޯ މިހާރުވަނީ އެތައް ހާސް މީހުން ބަލާފައި ކަމަށް ރެކޯޑްތަކުން ދައްލައެވެ.
So there's an English song that I think it's been released today in honour of #Soleimani. Below is a little glimpse into the music video.
Follow this link to watch the whole thing: https://t.co/I9dgSazxXw#Iran pic.twitter.com/2E4EzPuuTV
— Kian Sharifi (@KianSharifi) January 1, 2021
އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ، ގައުމުން ބޭރުގައި ހިގާ ހަރަކާތްތަކާ ބެހޭ ގޮފި، ޤުދުސް ފޯސްގެ ލީޑަރ ގައްސާމް ސުލައިމާނީ އަވަހާރަ ކޮށްލުމާއެކު، އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ ވަނީ، ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައިވަނީ، ސުލައިމާނީގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫން ކަމަށާއި، އެމަރުގެ ޒިންމާ މުޅި އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށެވެ.
ފާއިތުވެދިޔަ ހަފްތާގައި، އެމެރިކާގެ ޖެނެރަލް ކޮމާންޑުން ބުނެފައިވަނީ، ޖެނެރަލް ސުލައިނާމީ އަވަހާރަ ކޮށްލުވުނުތާ އެއް އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން، އިރާނުން އެމަރުގެ ބަދަލު ހިފުމަށް މަސައްކަތް ކޮށްފާނެ ކަމަށްބަލާ، އެމެރިކާގެ ލުއިސިއާނާއި ބޭސްއިން، B-52 މަރުކާގެ ބޮން އަޅާ ދެ ފައިޓަރ ޖެޓް މިހާރުވަނީ، މެދުއިރު މައްޗަށް ފޮނުވާލެވިފައެވެ.
އަދި، އެމެރިކާގެ ބޮން އަޅާ މަތިންދާ ބޯޓެއް އިރާނުގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ، ވައްޓާލާނެ ކަމުގެ އިންޒާރު އިރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.
ގައްސާމް ސުލައިމާނީގެ އަންހެން ދަރިފުޅު، ޒައިނަބު ސުލައިމާނީ، އިގިރޭސިބަހުން މީޑީއާ އަކަށް ދިން ފުރަމަ އިންޓަވިއުގައި ބުނެފައިވަނީ، އެނާގެ ބައްޕަގެ މަރަކީ، ބައްޕަގެ ހަގިގީ ލެގަސީގެ ފެށުން ކަމުގައެވެ.
"އެމެރިކާއިން ހީކުރީ، އަހަރެން ބައްޕަ މަރާލުމުން، ހުރިހާކަމެއް ހަަމަޖެހިގެން ދިޔައީ ކަމަށް. އެއީ އެމީހުން ގަބޫލު ކުރީ ޖެނެރަލް ސުލައިމާނީ މަރާލެވުމުން މުޅި މެދުއިރުމަތީގެ ހަގީގީ ބާރު ނެތިގެން ދިޔައީ ކަމަށް،" ރަޝީއާ ޓުޑޭ އަށް ދިން ބަސްދީގަތުމެއްގައި ސުލައިމާނީގެ އަންހެން ދަރިފުޅު ބުނެފައި ވެއެވެ.
"އެހެންނަމަވެސް، އެމީހުންނަށް ކުރެވުނީ ގޯސް ހީއެއް. އެމީހުންނަށް ނުފެންނަ މަންޒަރަކީ، އީރާނުގެ ރައްޔިތުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާ ނަފްރަތު. އިރާނުގެ ރައްޔިތުންގެ ލޯތަކުން އޮހޮރެމުންދާ ކަރުނަތައް. އެމީހުންގެ ކެކުޅުންތައް. އެހެންނަމަވެސް، ޖެނެރަލް ސުލައިމާނީގެ ހަގީގީ ލަޝްކަރަކީ އިރާނުގެ ރައްޔިތުން. އެމީހުން ޓްރަމްޕްގެ ކިބައިން ބަދަލު ހިފާނެ."
ޒައިންބު ބުނެފައިވަނީ، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްންވެސް ސުލައިމާނީގެ މަރަށް ތާޢީދު ކޮށްފައިވާތީ، ބައިޑްންއާއި ޓްރަމްޕާވެސް އެއްވެސް ތަފާތެއް ނެތް ކަމުގައެވެ.
ކޮމެންޓު ފޮނުވާ