ކަސްޓަމްސް ސަރވިސްއިން އިއްޔެ ހުޅުމާލޭ ސީކާގޯ ޓާމިނަލްއިން، ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ހިފަހައްޓާއިފިއެވެ. މިކަން އެ އިދާރާއިން ވަނީ އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ.
ކަސްޓަމްސްގެ މައުލޫމާތު ދޭގޮތުގައި އަތުލައިގަނެވުނު ސިނގިރޭޓުގެ އަދަދަކީ 13،600،000 ވަކި ސިނގިރޭޓެވެ. މިއީ ފޮށްޓަކަށް 20 ސިނގިރޭޓުގެ މަގުން ބަލާނަމަ 680،000 ސިނގިރޭޓު ފޮށްޓެވެ. ނަމަވެސް މި ސިނގިރޭޓުތައް އެތެރެކުރަން އުޅުނު ކުންފުނީގެ މައުލޫމާތު މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
އަދި މި މައްސަލައަކީ ފާއިތުވި ދުވަސްތަކުގައިވެސް ދިމާވަމުންދާ މައްސަލައެއްކަން ފާހަގަކުރެވެއެވެ. ވޭތުވެދިޔަ މަހު ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރަން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހުވެސް ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން ވަނީ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ