ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ފުލުހުން އަމަލުކުރިގޮތް ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަންގަވައިފިއެވެ. މި އެންގެވުމާއެކު، ދާދި ދެންމެއަކު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވައި، ރައީސް، ޑރ. މުހައްމަދު މުއިއްޒު އެ އިސްތިއުފާ ގަބޫލުކުރައްވައިފިއެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖުރާއާތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށާއި، ފުލުހެއްގެ އިހުމާލެއް ފާހަގަކުރެވިއްޖެނަމަ އެކަމަށް ފިޔަވަޅު އެޅުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ޔުމްނުގެ ކަރާމާތަށް ގެއްލުންވެދާނެ އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށާއި، ތަހުގީގުގެ މައުލޫމާތު އާންމުކުރުމުގައި ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަދި ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު އާންމުކުރުމަށްވެސް ފުލުހުންނަށް އަންގާފައިވެއެވެ.
އިތުރަށް ބަޔާނުގައި ވިދާޅުވެފައިވަނީ މި މައްސަލާގެ ތަހުގީގާ ގުޅިގެން އާންމުން ޕީޖީ އޮފީހަށް ހުށަހަޅާ ޝަކުވާތައްވެސް ބަލަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ހިމެނޭ 9 މީހެއްގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިޖާޖާ ޖާއިޒް، އިޒުދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، އާއިޝަތު ލަޔާލީ އިގުބާލު، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އާމިނަތު ޖުނެއިނާ ޖަމްޝީދު، ރައުދު އަހުމަދު ޒިލާލް އަދި ހުސައިން ހަމީސް އަލީއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިގުރޫޕްގެ މެންބަރުން މި މަހުގެ 18 ވިލޭރޭ މެންދަމުން 12:00 އާއި 12:30 އާ ދެމެދުގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަދެފައިވަނީ މއ. މާންދޫގެދެކުނުބަޔަށެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ދިރިއުޅުއްވާ އާއިލީ ގެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ޔުމްނު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:30 ހާއިރު ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އެ ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވަގުތުތަކެއް ނެގި ކަމަށްވެސް ވިދާޅުވިއެވެ. ކޮމިޝަނަރު އިތުރަށް ވިދާޅުވެފައިވަނީ މިމައްސަލައިގައި ހިމެނޭ ބައެއް ޒުވާނުންނަކީ ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް ނިސްބަތްވާ ބަޔަކަށްވީ ނަމަވެސް، މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.