ޒުވާން އަންހެން ކުއްޖާ ވެއްޓުނު ހާދިސާ: ދެ މިނިސްޓަރަކާ ސުވާލުކުރަން ހުށަހަޅައިފި

ޒުވާން އަންހެން ކުއްޖާ ވެއްޓުނު ހާދިސާ: ދެ މިނިސްޓަރަކާ ސުވާލުކުރަން ހުށަހަޅައިފި

Author
ހުސައިން
24 އޭޕްރިލް 2025 07:49
0

މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހިނގި، އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާން އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އެދިވަޑައިގެންފައެވެ.

މެންބަރު މީކާއިލް ހޯމް މިނިސްޓަރާ ކުރައްވަން ބޭނުންފުޅުވާ ސުވާލަކީ، އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާ ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރުކުރީ ކީއްވެގެންތޯ އާއި، މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެގެންތޯއެވެ.

އަދި މިނިސްޓަރު ޑރ. ޝިހާމްއާ ސުވާލުކުރަން އެދިފައިވަނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމާ ގުޅޭގޮތުންނެވެ. އެގޮތުން މި ހާދިސާގައި އެ އަންހެން ކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައީ ކީއްވެގެންތޯ މީކާއިލްގެ ސުވާލުގައި ހިމެނެއެވެ.

އުމުރުން 21 އަހަރުގެ އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ. މި ކުއްޖާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އޭނާގެ ހާލަތު އަދިވެސް ވަނީ ނާޒުކު ހާލަތެއްގައެވެ.

މި މައްސަލައިގައި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެއެވެ. އެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ވެސް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ތަޙުޤީޤު ކުރިއަށްގެންދާ ގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ރޭ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިހުތިޖާޖެއް ވެސް ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.