ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލިތާ އަށް އަހަރު ފުރުމާ ގުޅިގެން، އޭނާގެ މައްސަލައިގެ ތަހުގީގީ ހޯދުންތައް ހާމަކުރުމަށް ހަތް މަދަނީ ޖަމިއްޔާއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.
މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަން (ޑީޑީކޮމް)ގެ ތަހުގީގުގެ ހޯދުންތައް އާއިލާތަކާއި އާންމުންނަށް ހާމަކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މި ޖަމިއްޔާތަކުން ބަންޑާރަނައިބު އަހުމަދު އުޝާމަށްވެސް ގޮވާލައިފިއެވެ.
ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޑީޑީކޮމްއާ 27 މައްސަލައެއް ހަވާލުކުރެވުނު ނަމަވެސް، އޭގެ ތެރެއިން އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކު އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. އަދި ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލައިގައި އިންސާފަށް ހުރަސްއެޅި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، އެފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ސަރުކާރަށް ގޮވާލައިފިއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިދިޔަ އަހަރު ރައީސްގެ އެންގުމަށް ޑީޑީކޮމްގެ ދައުރު ނިންމާލިއިރު، އަނިޔާ ލިބުނު މީހުންގެ އާއިލާތަކާއި ޖަމިއްޔާތަކަށް ކޮމިޝަންގެ ހޯދުންތައް ހާމަކުރުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައިގައި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. މީގެއިތުރުން، މިދިޔަ ޖޫންމަހު ޔާމީން ރަޝީދު މަރައިލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރައިލި މައްސަލައިގައި ތިން މީހުންނާ ދެކޮޅަށް ދައުލަތުން ދައުވާކޮށްފައިވެއެވެ.
ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ސަރުކާރުތަކުންނާއި ސިޔާސީ ފަރާތްތަކުން ޔާމީން ރަޝީދުގެ ގަތުލާއި އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ގެއްލުވައިލި މައްސަލަތަކުން ނާޖާއިޒު ސިޔާސީ ފައިދާ ހޯދަމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ