ހެލްތު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރާއްޖޭގެ ތިން ރަށެއްގައި ޓާޝަރީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ހޮސްޕިޓަލްތައް އެޅުމަށް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޓު އުސޫލުން އަޅާ މި ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީ އަދި އެމްޓީސީސީއާއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ. އުނގޫފާރު ހޮސްޕިޓަލްގެ އައު އިމާރާތާއި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތެވެ. މި ދެ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީ އާއި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްއެވެ.
ރ. އުނގޫފާރު ހޮސްޕިޓަލްގެ މަޝްރޫއުގެ އަގަކީ 161,245,343.52 ރުފިޔާއެވެ. އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ އަގަކީ 147,437,634.2 ރުފިޔާއެވެ. މި ދެ މަޝްރޫއުވެސް ނިންމުމަށް ކަނޑައަޅާފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. ހޮސްޕިޓަލްތައް ނިމުމުން ޓާޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކުރެވޭނެއެވެ.
ހަމައެއާއެކު، ޅ. ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. މި މަޝްރޫއުގެ ދަށުން ނައިފަރު ހޮސްޕިޓަލްގައި ލޭބަރ ރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރެވޭނެއެވެ. މި މަޝްރޫއުގެ އަގަކީ 7,711,200.00 ރުފިޔާއެވެ. އަދި މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރީޖަނަލް ދެ ހޮސްޕިޓަލް ނިމުމުން ޓާޝަރީ ފެންވަރުގެ ހުރިހާ ހިދުމަތްތަކެއް އެ ތަންތަނުން ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ކޮމެންޓު ފޮނުވާ