ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް މުހައްމަދު މުޖްތާޒް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި އެންމެހައި ފަރާތްތަކުގެ ނަންތައް ރައީސް ވަނީ މަޖިލީހާ ހިއްސާކުރައްވާފައެވެ.
މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި އިއްވައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވެއެވެ. ސީއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ ކުރީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުހައްމަދު މުޖްތާޒަކީ ދާދި ފަހުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެވުނު ބޭފުޅެކެވެ. އޭނާއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ. މީގެ އިތުރުން މުޖްތާޒް ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފުރުއްވައި، އެހެނިހެން އިސް މަޤާމުތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ