މާލޭގެ ގެއެއްގެ ފުރާޅުމަތިން ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ އަންހެން ޒުވާނާއާއެކު އެރޭ ހުރި ފިރިހެން މީހާގެ ޕާސްޕޯޓް، ތަޙުޤީޤަށް ހިފަހައްޓާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. މި ޒުވާނާ ވެއްޓުމާ ގުޅިގެން ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު ރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އައިޖީއެމްއެޗްއިން ވަނީ އޭނާގެ ހާލަތު ސީރިއަސްކަމަށް މަޢުލޫމާތު ދީފައެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އާންމުކޮށް ހުޅުވައިލެވިފައިވާ ބައްދަލުވުމެއް ނޫނެވެ. އަދި ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް މަންޒަރާއި އަޑު ރެކޯޑުކުރުން ވަނީ މަނާކޮށްފައެވެ.
ފުލުހުންގެ ފަރާތުން ހާމަކުރިގޮތުގައި، ވެއްޓުނު އަންހެން ކުއްޖާއާއެކު 21 އަހަރުގެ ފިރިހެނެއް ހުރިކަމަށާއި، އޭނާ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތަޙުޤީޤަށްޓަކައި މި ފިރިހެނާގެ ޕާސްޕޯޓް ހިފަހައްޓާފައިވީނަމަވެސް، އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، ވެއްޓުނު އަންހެން ކުއްޖާއާއެކު ހުރި ޒުވާނާއަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރައުދު އަހުމަދު ޒިލާލެވެ.
ކޮމެންޓު ފޮނުވާ