އިދިކޮޅު މެންބަރުންގެ މައްސަލައިގައި އޮމްބަޑްސްޕާސަން އޮފީހުން ފޮނުވި ސިޓީގެ މަޤްޞަދު ސާފުކުރަން ފުލުހުން އެދިއްޖެ

އިދިކޮޅު މެންބަރުންގެ މައްސަލައިގައި އޮމްބަޑްސްޕާސަން އޮފީހުން ފޮނުވި ސިޓީގެ މަޤްޞަދު ސާފުކުރަން ފުލުހުން އެދިއްޖެ

ގުޅުންހުރި

އިދިކޮޅު އެމްޑީޕީގެ މެންބަރުން މަރިޔަމް ޒުބައިރު (މަންދީ) އާއި އަހުމަދު ސަލީމް (މާޒް ސަލީމް) ގެ ވީޑިއޯ އާއި އޯޑިއޯ ތަކަކާއެކު ފުލުހުންނަށް ސިޓީއެއް ފޮނުވުމުގެ މަޤްޞަދު ސާފުކޮށްދިނުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި ފުލުހުން އެދިއްޖެއެވެ.

މި މައްސަލައާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ފުލުހުން ޖިނާއީ ތަހުޤީޤެއް ފަށާފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ވާނެ މިހާރު އޮމްބަޑްސްޕާސަންގެ އޮފީހަށް ސިޓީއެއް ފުލުހުންގެ ފަރާތުން ފޮނުވާފައި އޭގައި އެ ބޭފުޅުން އެދިލެއްވީ ކޮންކަމެއްތޯ ޔަގީން ކޮށްދެއްވާށޭ، ދެން އެ ބޭފުޅުން އެ ހުށަހަޅުއްވަނީ ތަހުޤީޤެއް ކުރަން ނޫން ކަމަށްވާ ނަމަ، ފުލުހުން އެ ތަހުޤީޤު ހުއްޓައިލަންތާ ޖެހޭނީ،" އިހުސާން ވިދާޅުވިއެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ، "އެ ބޭފުޅުން ހުށަހެޅި މައްސަލައެއް އަޅުގަނޑުމެން ބަލަބަލައި ތިއްބާ އެ ބޭފުޅުން ހުށަނާޅަމޭ ބުނެފިއްޔާމުން ދެން މައްސަލަ ނުބަލާނެ."

އެހެންނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ދަރިކަލަކު ވޭޕް ކުރާކަމަށް ބުނި މުޒާހަރާއާ ގުޅިގެން ފުލުހުންނަށް ފޮނުވި ސިޓީގައި އެއްވެސް ޖިނާއީ ތަހުޤީޤެއް ކުރުމަށް އެދިފައިނުވާ ކަމަށެވެ.

"މި އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުޤީޤެއް ކުރުމަށް އެދިފައެއް ނުވާނެ،" އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެއެވެ.

އެ ސިޓީގައި އެދިފައިވަނީ، މުޒާހަރާތަކުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެއެވެ.

ހޯމް މިނިސްޓަރު އިހުސާން ވިދާޅުވިގޮތުގައި، ފުލުހުންގެ މުއައްސަސާއަކީ ތަހުޤީޤީ އިދާރާއެއް ކަމަށްވުމާއެކު، މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަން ތަހުޤީޤުކުރާނެއެވެ.

"ސިޓީގައި މި އިންނަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު އާންމު ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށް އެދި ދަންނަވަމެވެ، އެހެންވީމާ ފުލުހުންގެ މުއައްސަސާއަށް އެކަހަލަ ކަންކަން ކުރާއިރުގައި އެއާ ގުޅޭ ވީޑިއޯ އާއި އޯޑިއޯ ފޮނުވީމާ ތަހުޤީޤު ކުރާނެ ދެއްތޯ؟" އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް އާންމުންގެ ސަމާލުކަން ލިބުނީ، މަންދީ އާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކޯޓުން އަމުރުކުރި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. ނަމަވެސް އިއްޔެ ހެނދުނު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމުރުގައި އެ ދެ މީހުންގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނުނެގޭނެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި އަމުރުގެ ދަށުން އެއްވެސް މީހަކު ބަރަހަނާކޮށްގެން ފޮޓޯ ނުނަގާނެކަމަށްވެސް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ