ޝަމްއާން ވަނީ ފްރޭމް ކޮށްފައި: އަނބިމީހާ

ޝަމްއާން ވަނީ ފްރޭމް ކޮށްފައި: އަނބިމީހާ

Author
ހުސެއިން
22 އޭޕްރިލް 2025 02:22
0

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ކޮރަޕްޝަންގެ ތުހުމަތުގައި ވަކިކުރެވުނު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ބުނެފިއެވެ.

އިއްޔެ ބޭއްވުނު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަށްފަހު، ހައި ކޯޓުން މިއަދަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލްކޮށް، މާދަމާއަށް އެ މައްސަލަ ތާވަލުކުރާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އިއްޔެގެ އަޑުއެހުމަށްފަހު ސޯޝަލް މީޑިއާގައި ޝަމްއާންގެ އަނބިމީހާ ޕޯސްޓްކުރި ލިޔުމެއްގައި ބުނެފައިވަނީ އިންސާފުން ބޭރުން ޝަމްއާން ފްރޭމްކޮށްގެން އޭނާއާއި އާއިލާއާ ދުރުގައި މިހާރު ގެންގުޅޭތާ މަހެއް ވެއްޖެ ކަމަށެވެ.

"ޝަމްއާން މި ގައުމަށް ޚިދުމަތް ކުރީ ތެދުވެރިކަމާއި ޝަރަފުވެރިކަމާމެދު ރަނގަޅު ބަދަލެއް ގެނައުމަށް. އޭގެ ހެޔޮ އަސަރަކީ ދޮގުނުކުރެވޭނެ ކަމެއް، އެ ކަން ގިނަ ބަޔަކު ދުށް،" ހިދުފާ ލިޔެފައިވެއެވެ.

އަދި އޭނާ ފާހަގަކޮށްފައިވަނީ ޝަމްއާންގެ ކާމިޔާބީގެ ދުވަސްވަރު ތަހުނިޔާގެ މެސެޖުތައް ފުނިޖެހި، ތައުރީފުގެ އަޑުތައް ގަދަވެ، އެހީތެރިކަން އަބަދުވެސް ލިބުނު ނަމަވެސް، މިހާރު ނުހައްގުން ޖަލަށްލީމާ އެކަމާ ހަނުވެ ތިބި ކަމަށެވެ.

ހިދުފާ އިތުރަށް ސުވާލުކޮށްފައިވަނީ ކުރިން ޝަމްއާނަށް ތަރުހީބު ދިން މީހުންނާއި، "ފްރެންޑު" އަދި "ބްރަދާ" ކިޔައިގެން އުޅުނު މީހުން މިހާރު ކޮބައިތޯއެވެ. އަދި ކަންކަން ރަނގަޅަށް ދިޔައިރު ގުޅުން ބޭއްވި މީހުން ކޮބައިތޯވެސް ސުވާލުކޮށްފައިވެއެވެ.

"ޝަމްއާންގެ ބޭނުން ޖެހުނު ވަގުތު، އެ މީހުންނަށް އޭނާގެ އެހީ އަބަދުވެސް ދިން. އެ މީހުންގެ ވާހަކަ ގަބޫލުކޮށް އެ މީހުންނަށް ޓަކައި މަސައްކަތްކޮށްދީ ކުރިއަރުވައިދިން. ދެން މިހާރު އޭނާއަށް ނުހައްގުން ބޮޑު އަނިޔާއެއް ކުރިމަތިވާއިރު ތި ހުންނަނީ ހަނު؟ އެ ކަމާ ދެކޮޅަށް އަނގައިން ބުނަން ބިރުން؟" ހިދުފާ ލިޔުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން، މިހާތަނަށްވެސް އެއްވެސް ވަރަކަށް ހާލުބަލައިނުލާ ތިބި ބަޔަކު އިތުރަށް ވާހަކަދައްކަން ނޭދޭ ކަމަށްވެސް ހިދުފާ ބުނެފައިވެއެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22ގައި 15 ދުވަސް ދިނުމަށްފަހު، އެ މުއްދަތު ހަމަވުމުން މި މަހުގެ ހަވަނަ ދުވަހު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.