ކޮރަޕްޝަންގެ މައްސަލަތަކުގައި ޝަމްއާންއާ މެދު އަމަލުކުރަމުންދާ ގޮތާ ބެހޭގޮތުން ގާނޫނީ ވަކީލުން ސުވާލު އުފައްދައިފި

ކޮރަޕްޝަންގެ މައްސަލަތަކުގައި ޝަމްއާންއާ މެދު އަމަލުކުރަމުންދާ ގޮތާ ބެހޭގޮތުން ގާނޫނީ ވަކީލުން ސުވާލު އުފައްދައިފި

Author
ހުސައިން
22 އޭޕްރިލް 2025 07:07
0

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދާމެދު ދައުލަތުން އަމަލުކުރަމުންދާ ގޮތަކީ އެފަދަ މައްސަލަތަކުގެ ތުހުމަތުގައިވާ އެހެން ފަރާތްތަކާ ތަފާތު ގޮތަކަށް ކަމަށްވާތީ އެއީ ކީއްވެގެންކަން ސާފުކޮށްދިނުމަށް ޝަމްއާންގެ ގާނޫނީ ވަކީލުން ދައުލަތަށް ގޮވާލައްވައިފިއެވެ.

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހުށަހެޅި އިސްތިއުނާފު އަޑުއެހުމުގައި، ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ދާއޫދު އިއްޔެ ހައިކޯޓުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އާންމުކޮށް އަމަލުކުރަމުން އައިސްފައިވަނީ އެފަދަ މީހުން ބަންދުނުކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"މިހާރު ވެސް މަނީ ލޯންޑަރިންގެ ހަތް ދައުވާ ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު އެ މީހުން ބަންދުގައެއް ނޫން ތިބީ. އަދި އެހެން ބޭފުޅެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދެ ދައުވާއެއް ވެސް ހިނގަމުންދާއިރު އެ ބޭފުޅަކު ވެސް ބަންދުގައެއް ނޫން ހުރީ،" ނޫރުއްސަލާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ މީހުން ހައްޔަރުނުކޮށް ޝަރީއަތް ހިންގަމުންދަނީ ރަނގަޅަށް ކަމަށާއި އެއީ އެކަން ކުރަންޖެހޭ ގޮތްކަމަށެވެ. އަދި ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލަތަކަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮންނަ ބާވަތުގެ މައްސަލަތަކެއް ކަމަށް މީގެ ކުރިން ދައުލަތުން ގަބޫލުކުރަމުން އައިސްފައި ނުވާކަން މީގެ ކުރީގެ މައްސަލަތަކަށް ބަލައިލުމުން ސާފުކޮށް އެނގޭކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.

"އެހެންވީމާ ދައުލަތުގެ ޒިންމާއެކޭ ކޮރަޕްޝަން މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ހައްޔަރުނުކުރާ ނުވަތަ ބަންދުނުކޮށް ޝަރީއަތް ހިންގާ މީހުން ބަންދުނުކުރުމުގެ އުސޫލާ ޚިލާފަށް ޝަމްއާން ވަހީދަށް އެކަނި ތަފާތުކޮށް އަމަލުކުރާ ސަބަބު ސާފުކޮށްދިނުން، ކިޔައިދިނުން، ދައުލަތުގެ ޒިންމާއެއް،" ނޫރުއްސަލާމް ވިދާޅުވިއެވެ.

ނޫރުއްސަލާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތައް ބެލޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުގެ ބައިވެރިވުން އޮވެގެން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮއްވައި ޝަމްއާންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަ ފުލުހުން އެކަނި ތަހުގީގުކުރަނީ ކީއްވެތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ.

އިއްޔެގެ އަޑުއެހުން ނިންމާލަމުން ހައިކޯޓުން ވަނީ މިއަދު މެންދުރުފަހުން އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރާނެ ކަމަށް އިޢުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.