ގއ. ގެމަނަފުށީ ސިއްޙީ މަރުކަޒުގެ އިހުމާލުން ހަތް މަހުގެ ފިރިހެން ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ. އާއިލާގެ މަޢުލޫމާތުން ދޭހަވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ 16 އޭޕްރީލް 2025 ގައެވެ.
އާއިލާއިން މީޑިއާއަށް ދީފައިވާ މަޢުލޫމާތަށް ބަލާއިރު، މިމަހުގެ 11 ވަނަ ދުވަހު ކުއްޖާގެ ނޭފަތުން ފެން އައިސް ރޯގާވައްތަރުވުމާ ގުޅިގެން ސިއްޙީ މަރުކަޒަށް ގެންގޮސް ޑޮކްޓަރަށް ދައްކައި އާވިއެރުވިއެވެ. އަދި 15 ވަނަ ދުވަހުން ދެވަނަ ފަހަރަށް ކުއްޖާ ޑޮކްޓަރަށް ދެއްކުމާއެކު، އިތުރު ޓެސްޓުތަކެއް ހެދިއެވެ. ޓެސްޓުގެ ނަތީޖާ އެރޭ 8:00ގެ ފަހުން ލިބޭނެކަމަށް ބުނުމުން އާއިލާއިން ކުއްޖާ ގެއަށް ގެންދިޔައެވެ.
ނަމަވެސް އެރޭ ކުއްޖާ ހުއްޓުމެއްނެތި ރޮމުންދިޔުމާއެކު ސިއްޙީ މަރުކަޒަށް އަލުން ގެންދިޔައެވެ. ފުރަތަމަ ކުއްޖާ ބެލީ ނަރުހެއްކަމަށާއި، ކުއްޖާގެ އިތުރު ސިއްޙީ މައްސަލައެއް އުޅޭކަމަށް ފާހަގަކުރެވުމާއެކު ޑޮކްޓަރު ގެނެސް ފަރުވާދިން ކަމަށް އާއިލާއިން ބުނެއެވެ. މި ފަރުވާގެ ތެރޭގައި ސިލިންޖަރަކަށް އައިވީ ފެން ނަގައިގެން ޕްރެޝަރުގައި ކުއްޖާގެ ނޭފަތަށް ދުއްވާލިކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ.
"ފަސްވަނަ ފަހަރަށް ކުއްޖާގެ ކަނާތް ފަރާތު ނޭފަތަށް ސިލިންޖަރު ދުއްވާލުމާއެކު، އައިވީ ފެނާއެކު ވާތް ފަރާތު ނޭފަތުން ލޭ އައެވެ. އޭރުވެސް ކުއްޖާ ކޮންމެވެސް ވަރަކަށް ހުއްޓިފައިވާކަން ފާހަގަކުރެވުނެވެ. އޭގެފަހުން ކުއްޖާ ހޮޑުލައި، ނޭވާ ނުލާކަން ފާހަގަކުރެވުމުން ނަރުސް ކުދިން ކުއްޖާގެ ބުރަކަށިމަތީގައި ތަޅަން ފެށިއެވެ," އާއިލާއިން ބުނެފައިވެއެވެ.
ސީޕީއާރު ދިނުމަށްފަހު ކުއްޖާގެ ހާލަތު ރަނގަޅުވިކަމަށް ބުނެ، އިތުރު ފަރުވާއަށް ގއ. ވިލިނގިލީ ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. ވިލިނގިލީ ހޮސްޕިޓަލްގައި ކުއްޖާ ވެންޓިލޭޓަރަށްލައި ފަރުވާދިންކަމަށާއި، އެރޭ ފަތިހު އެއާ އެމްބިއުލާންސްގައި މާލެއަށް ފޮނުވިކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ.
ބުދަ ދުވަހުގެ ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދޭން ފެށުމާއެކު ކުއްޖާ އައިސީޔޫގައި އެޑްމިޓްކުރެވުނެވެ. ނަމަވެސް އޭރުވެސް ކުއްޖާގެ ހިތް އޮތީ ހުއްޓިފައިކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައިވަނީ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް ގެމަނަފުށީ ސިއްޙީ މަރުކަޒުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އާއިލާގެ ފަރާތުން މި މައްސަލަ މިހާރުވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިމަހުގެ ތެރޭގައި އެކަނިވެސް، ހދ. މަކުނުދޫގައި ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވިކަމަށް ބުނާ މައްސަލައެއްގެ އިތުރުން، ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދިން މައްސަލައެއްވެސް ފެންމަތިވެފައިވާކަމެވެ.
ކޮމެންޓު ފޮނުވާ