ދިއްލީ (އޭޕީ) – އިންޑިއާގެ ވެރިރަށް ދިއްލީގެ އުތުރުގައި އޮންނަ މުސްތަފާ އާބާދުގައި، މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެއެވެ.
އިއްޔެ ހިނގި މި ހާދިސާގައި އެތައް ބަޔަކަށް އަނިޔާވެ، އަދިވެސް ގިނަ ބަޔަކަށް ޞިއްޙީ ފަރުވާ ދެމުން ގެންދެއެވެ. ރެސްކިއު އޮޕަރޭޝަނުގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އިމާރާތް ވެއްޓުނު ވަގުތު އެތަނުގައި 22 މީހުން ނިދާފައި ތިބިކަމަށް ބެލެވެއެވެ.
އިމާރާތް ވެއްޓުނު ހާދިސާއާ ގުޅިގެން އިންޑިއާގެ ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ގުޅިގެން ރެސްކިއު އޮޕަރޭޝަނެއް ފަށާފައިވެއެވެ. އިމާރާތުގެ ތެރެއިން އަދިވެސް މީހުން ނުނެރެވި، ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޮފިޝަލުން ބުނާ ގޮތުގައި، ވެއްޓުނު އިމާރާތަކީ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިމާރާތެކެވެ. މި ހާދިސާ ހިނގި ސަބަބު ބެލުމަށް ތަޙުޤީޤެއް ފެށިފައިވާ ކަމަށްވެސް އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ