އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. މި މަތިވެރި ޝަރަފް ދެވިފައިވަނީ އިސްލާމީ އިލްމު ފެތުރުއްވުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދީނީ ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝެއިޚަށް މި ޝަރަފު ހަވާލުކޮށްދެއްވިއެވެ.
ދ. މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް އިސްމާޢީލަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވައި ނިންމެވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ރާއްޖެއިން ބޭރުގައި ދީނީ އިލްމު ހާސިލުކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ޠައިބާ ސްކޫލު ބިނާކުރެއްވިއެވެ. މި ސްކޫލަކީ ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ތަނެކެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީވެސް މި ސްކޫލުގައި ކިޔަވައިދެއްވި މުދައްރިސެކެވެ.
އިސްލާމީ ޢިލްމުވެރިއެއްގެ ގޮތުގައި ޝެއިޚް އިސްމާޢީލްގެ ކިބައިން ފާހަގަކުރެވޭ ވަރަށް ގިނަ ޚިދުމަތްތަކެއް ވެއެވެ. އެގޮތުން، އެ މަނިކުފާނަކީ ޝައިޚު އިބްނު ބާޒްގެ ދަރިވަރެއްގެ ގޮތުގައި ވެވަޑައިގެން ވަރަށް ގިނަ ޢިލްމީ ފޮތްތައް ލިޔުއްވާފައިވާ ޢިލްމުވެރިއެކެވެ. ޝައިޚު އިބްނު ބާޒްގެ ފަރާތުން މަންދޫބެއްގެ ގޮތުގައި 27 އަހަރު ޕާކިސްތާނުގައި ތަޢުލީމު ދެއްވުމުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ.
ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި މިއަދު ފެންނަމުންދާ ވަރަށް ގިނަ ބޭފުޅުންނަކީ ޝެއިޚްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެތައް ދިވެހީންނަކަށް ޕާކިސްތާނަށް ގޮސް ދީނީ ޢިލްމު ހާސިލުކުރުމުގެ ފުރުޞަތު ހޯދައިދެއްވައި، އެ ބޭފުޅުންގެ ބެލެނިވެރިއެއްގެ ގޮތުގައި ޚިދުމަތްކުރެއްވިއެވެ. މިހުރިހާ ސަބަބުތަކަށް ޓަކައި، އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމަށް ޝެއިޚް އިސްމާޢީލް ޚިޔާރުކުރީ، އެ މަނިކުފާނު ދިވެހި މުޖުތަމަޢުއަށް ކޮށްދެއްވާފައިވާ ލާމަސީލު ޚިދުމަތަށް އެކަށީގެންވާ ގޮތުގައި އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ