ސިއްޙީ ވުޒާރާއިން 110 ޞިއްޙީ މުވައްޒަފުން ހޯދަން އިޢުލާނުކޮށްފި

ސިއްޙީ ވުޒާރާއިން 110 ޞިއްޙީ މުވައްޒަފުން ހޯދަން އިޢުލާނުކޮށްފި

Author
ހުސައިން
18 އޭޕްރިލް 2025 10:41
0

40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން ހޯދުމަށް ސިއްޙީ ވުޒާރާއިން އިޢުލާންކޮށްފިއެވެ. މި މަޤާމުތަކަކީ އެ ވުޒާރާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ހޯދާ މަޤާމުތަކެކެވެ.

ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދަނީ ޕީޑިއަޓްރިކްސް، އެތެރެހަށީގެ ބަލިތައް، އަންހެނުންގެ ބަލިތައް، ލޮލުގެ ބަލިތައް، އެނެސްތީސިއާ، އޯތޮޕީޑިކް ސަރޖަރީ، ޖެނެރަލް ސަރޖަރީ އަދި ރޭޑިއޮލޮޖީ ހިމެނޭ 8 މައިގަނޑު ދާއިރާއަކުންނެވެ. ކޮންމެ ދާއިރާއަކުން 5 ޑޮކްޓަރުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ނަރުހުންގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ފާއިތުވި 2 އަހަރުގެ ތެރޭގައި 150 އެނދު ނުވަތަ އެއަށްވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގައި މިޑްވައިފް ނުވަތަ ސައިކިއޭޓްރީ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި ސިއްޙީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި އުމުރުން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަން ދޭނެއެވެ.

މި އިޢުލާނާ ގުޅިގެން އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށްފަހު، ވުޒާރާގެ ރިޒާވްގައި ވެސް ބައެއް ޑޮކްޓަރުން ބޭތިއްބުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ސަބަބުން ކުއްލިއަކަށް އެހެން ތަނަކަށް ޞިއްޙީ މުވައްޒަފުން ބޭނުންވެއްޖެ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރުންނާއި ނަރުހުން ފޮނުވުމުގެ ޤާބިލުކަން ވުޒާރާއަށް ލިބިގެންދާނެކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.