ސަޢޫދީ ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް 25,000 މުޞްޙަފު ހަދިޔާކޮށްފި

ސަޢޫދީ ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް 25,000 މުޞްޙަފު ހަދިޔާކޮށްފި

Author
ހުސައިން
17 އޭޕްރިލް 2025 03:24
0

މާލެއާއި އަތޮޅުތަކުގައި ހިންގާ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް އެހީވުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން 25,000 މުޞްޙަފު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ. މި މުޞްޙަފުތައް ވަނީ ފުރަތަމަ ޝިޕްމެންޓުގެ ގޮތުގައި އިސްލާމީކަންތައްތަކާބެހޭ މިނިސްޓްރީއަށް މިއަދު ރަސްމީކޮށް ހަވާލުކޮށްފައެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މުޞްޙަފުތައް ސަޢޫދީ އެމްބަސީގެ ޗާޖް ޑި އެފެއަރޒް، ފަހުދު އަލްދޯސްރީ ވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތު އިންތިޒާމްކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ އެމްބަސީ ގުޅިގެންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ދިވެހިރާއްޖެއަށް ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާނަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ހަދިޔާއަކީ ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ދައްކުވައިދޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ، ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި މި މުޞްޙަފުތަކަކީ ކީރިތި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ. މި މުޞްޙަފުތައް މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކަށާއި ޤުރްއާން ހިތުދަސްކުރުމުގެ އެކިއެކި މަޝްރޫޢުތަކަށް ބޭނުންކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.