އއ. ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާނާގެ ހަށިގަނޑު އިންޑިއާގައި ވަޅުލަނީ

އއ. ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާނާގެ ހަށިގަނޑު އިންޑިއާގައި ވަޅުލަނީ

Author
ހުސައިން
16 އޭޕްރިލް 2025 01:46
0

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާނާ، 31 އަހަރުގެ އަލީ ސާމިންގެ ހަށިގަނޑު ރާއްޖެ ނުގެނެސް އިންޑިއާގައި ވަޅުލަން ނިންމައިފިއެވެ. ސާމިން ނިޔާވީ އިއްޔެ ރޭ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ޖަނާޒާގެ ކަންތައް ލަސްވެފައިވަނީ، މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ވަކި ގޮތެއް ނުނިމިގެންނެވެ. ނަމަވެސް، ފަހުން ޕޯސްޓްމޯޓަމް ނުހަދާ ވަޅުލުމަށް ނިންމާފައިވެއެވެ.

ސާމިންގެ އާއިލާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އޭނާގެ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މި ހާދިސާގައި ސާމިންގެ އިތުރުން އޭނާގެ ކުރީގެ އަންހެނުން، 31 އަހަރުގެ އައިޝަތު ރިފްގާ ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާ ދެމުން ދަނިކޮށް މާރިޗު 31 ގައި ނިޔާވެފައެވެ. އޭނާގެ ހަށިގަނޑުގެ 83 އިންސައްތަ ވަނީ ފިހިފައެވެ.

އަލިފާނުގެ މި ހާދިސާއާ ގުޅިގެން ތަޙުޤީޤުކުރެވެމުންދާއިރު، ޝައްކު އުފެދޭ ބައެއް ކަންތައްތައް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ހާދިސާ ހިނގި ގޭގެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވުމާއި، ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅުނުކަން ފާހަގަކުރެވެއެވެ. ތަނަށް މާބޮޑު ގެއްލުމެއް ނުލިބި، ދެ މީހަކު ފިހިގެން މަރުވި ގޮތާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވީ ނަމަވެސް، ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށް ބުނެ ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހާދިސާ ހިނގިއިރު އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަން ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.