ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފޭސް 2 ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ (16 އެޕްރީލް 2025) އެސަރަހައްދުގެ ބައެއް ޓަވަރުތަކުން ކަރަންޓު ވަގުތީގޮތުން ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އާންމުކޮށްފައިވެއެވެ.
ސްޓެލްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް 13 އިން އެޗް 16 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ ހެނދުނު 10:00 އިން 11:00 އަށެވެ. އަދި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް ނުލިބޭނީ މެންދުރު 13:20 އިން 15:00 އަށް ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބަޔާންކޮށްފައިވަނީ، މަސައްކަތް ނިމުމުން ވީހާވެސް އަވަހަކަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިއީ އެކުންފުނިން ދެމުންދާ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
އެކުންފުނިން މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވައި، ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައިވެއެވެ.