އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާގެ ދެ މައްސަލަ ހައިކޯޓުން ބަލައިގަތުމަށްފަހު ޝަރީޢަތް ފަށަން ތައްޔާރަވަނީ

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާގެ ދެ މައްސަލަ ހައިކޯޓުން ބަލައިގަތުމަށްފަހު ޝަރީޢަތް ފަށަން ތައްޔާރަވަނީ

ގުޅުންހުރި

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުޙައްމަދު ޝަމްއާން ވަޙީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ދެ މައްސަލަވެސް އެ ކޯޓުން ބަލައިގަނެ، ޝަރީޢަތް ފަށަން ތައްޔާރުވެއްޖެއެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާންގެ އިތުރުން އިތުރު 4 މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކުރުމަށްފަހު ކޯޓުން ފުރަތަމަ 15 ދުވަހުގެ ބަންދަށް ހުކުމްކުރިއެވެ. އެ މުއްދަތު ހަމަވުމުން ޝަރީޢަތް ނިމެންދެން ވާނުވާ ބަންދަށް ބަދަލުކުރެވުނެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު އެހެން ހަތަރު މީހުންވެސް ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.

ޝަމްއާންގެ ފުރަތަމަ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ފުރަތަމަ އެ މައްސަލަ ބަލައިނުގަތްނަމަވެސް، ޝަމްއާންގެ ފަރާތުން އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދުމުން ހައިކޯޓުން ފަހުން ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ޝަމްއާންގެ ދެވަނަ މައްސަލައަކީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރާ ގުޅޭ މައްސަލައެވެ. މި ދެ މައްސަލައިގެ އަޑުއެހުންތައް މި ހަފުތާގެ ތެރޭގައި ފެށޭނެކަމަށް ބެލެވެއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އެ ގެއިން 257,475 ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު އަދި އެހެނިހެން ޤައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތައް ފެނިފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތައް އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް ދޫކޮށްލި ބިދޭސީ މީހެއްގެ އަތުން ހޯދިކަމަށް ބުނާ ފައިސާ އެޅިފައިވާ ކޮތަޅެއް މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފަކު ޝަމްއާންގެ ގެއަށް ހިފައިގެން ވަންނަތަން ސީސީޓީވީ ފުޓޭޖްތަކުން ފެންނަކަމަށެވެ. މީގެއިތުރުން، މި މައްސަލައިގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނާއި ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ